ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކާބޯތަކެއްޗާއި ބެހޭ ޖަމިއްޔާ (އެފްއޭއޯ)ގެ މަސްވެރިކަމާބެހޭ ކޮމިޓީގެ 36 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި އެއްތަނބު ކަމަށާއި އެ ސިނާއަތުގައި ރާއްޖޭގެ މަސައްކަތްތެރިންގެ 11 އިންސައްތަ މީހުން ވަޒީފާ އަދާކުރާ ކަމަށެވެ. އަދި އެ ސިނާއަތް އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކައިގައި ރާއްޖޭގެ މަސްވެރިކަމުގެ ދިގު ތާރީޚާއި ދިވެހި މަސްވެރިކަމުގެ ތަރިކައިގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތް ކުރުމަށް ރާއްޖެއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅައި ދެމެހެއްޓެނިވި މަސްވެރިކަމެއްކޮށް ދުނިޔެއަށް ރާއްޖެއިން އެކަމުގެ މިސާލު ދައްކުވާފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖެ ފަދަ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރުމަށް ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މާކެޓަށް މަހުގެ ބާވަތްތައް ނެރުމުގައި ކުރަންޖެހޭ ހަރަދުތައް ބޮޑުވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން