ރާއްޖޭގެ އިގްތިސާދު ހާލަތު އޮތްގޮތް ސާފުނުވާ ކަމަށާއި މިއީ ވާނުވާ ނޭނގޭ ސަރުކާރެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ރޭ ވިދާޅުވެއްޖެއެވެ.

"އެސްއެސް" ޓީވީން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތާއި މާލީ ހާލަތާ ގުޅުވާ އެކި ފަހަރު ސަރުކާރުން ވާހަކަ ދައްކަނީ އެކި ގޮތަށްކަމަށެވެ. އެކަމުގެ ސަބަބުން އިންވެސްޓާ ކޮންފިޑެންސް ގެއްލި، ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރަން ޖެހިލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކަމުން ގެންދާތީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތްގޮތް މިހާރު ސާފުނުވާ ކަމަށެވެ. އަދި އެކަން ސަރުކާރުން ސާފުކޮށް ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އެބަޖެހޭ އެނގެން އިގްތިސާދީ ހާލަތު އޮތީ ރަނގަޅަށްތޯ ގޯސްކޮށްތޯ. ދައުލަތުގެ މާލިއްޔަތު އޮތީ ގޯސްކޮށްތޯ ރަނގަޅަށްތޯ މެނޭޖްކުރެވޭނެތޯ. ބަނގުރޫޓްވާނެތޯ ދަރަނި ދެއްކޭނެތޯ ވަޒީފާތަކުން މީހުން ކަނޑާނެތޯ ކާއެއްޗެހީގެ ސަބްސިޑީޒް ކަނޑާލާނެތޯ އާސަންދަ ކަނޑާލާނެތޯ، މި ސާފުކޮށް ވިދާޅުވާން އެބަޖެހޭ. މިހާރު މިހެން ވިދާޅުނުވެ ޝައްކާ ވަސްވާސްގެ ތެރޭގައި މިތިބެނީ. ދައުލަތުގެ މާލީ ހާލަތު މިހާ ގޯސްކޮށް އުޅޭއިރު މީހުންގެ ވަޒީފާތަކުން ކަނޑައި މުސާރަ ކުޑަކޮށް ކާބޯތަކެތީގެ ސަބްސިޑީޒް ކަނޑާލާ ހިސާބަށް ދާއިރުގައި ބޮޑެތި ސިންގާހާ ބޭނުން ނޫން ޕްރޮޖެކްޓްތައް ހިންގާ ކަމަށް ވައްޏާ އަޅުގަނޑަކަށް ނޭނގޭ މިއީ ކިހިނެއް ވާކަމެއްކަން މިއީ. އިގްތިސާދު ގޯސްކޮށް އުޅޭއިރު ކިހިނެއްތޯ މިކަން ކުރަނީ." ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅިގެން އެމްޑީޕީގެ ސަރުކާރުގެ ބޮލުގައި ކަންތައްތަކެއް އަޅުވަން ދައްކާ ވާހަކަތަކުގެ ސަބަބުން ގައުމުގެ އިޤްތިސާދު ފުނޑުފުނޑުވަމުންދާ ކަމަށެވެ. މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރައްޔިތުން މި ސަރުކާރާއި ގައުމުގެ ހިންގުން ހަވާލުކުރީ ކޮންމެ ވެސް ސަބަބުތަކެއް ހުރެގެން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ވެރިކަމަށް އައުމަށްފަހު މި ސަރުކާރުން ދައްކަމުން ގެންދަނީ އޭރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތައް ކަމަށެވެ. އެގޮތުން ދަރަނި ބޮޑު ވާހަކަ އާއި ފައިސާ ޗާޕްކުރި ވާހަކަ އާއި ކޮރަޕްޝަނާއި އިންޑިޔާ ސިފައިންގެ ވާހަކަ އާއި ސަރުކާރުން ހާމަކަންބޮޑުކޮށް ކަންކަން ނުކުރާ ވާހަކަ އާއި ކަނޑު ވިއްކާލި ވާހަކައިގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ނުދިނުމާއި ޕްރޮޖެކްޓްތައް ހިންގަން ނޭނގޭ ވާހަކަ އާއި ވަޒީފާ ތަކުން މީހުން ނުކަނޑާނެ ކަމަށާއި ހުރިހާ ޕްރޮޖެކްޓްތަކެއް ހިންގާނެ ވާހަކަ ސަރުކާރުން ބުނަމުން ގެންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ އެމްޑީޕީގެ ސަރުކާރުން ގޯސްކޮށް ކުރި ކަންތައްތަކުގެ ވާހަކަ ދައްކަން ނޫން ކަމަށާއި އެކަންތައްތައް ރަނގަޅުކުރަން ކަމަށެވެ.

"އަޅުގަނޑުމެން (އެމްޑީޕީގެ) ސަބަބުން މިހެން ދިމާވި ކަމުގައި ވިޔަސް އެވާހަކަ އިތުރަށް ދައްކާކަށް ނޫން މި ސަރުކާރު ގެނެސްފައި ރައްޔިތުން އޮތީކީ. ކަންކަން ރަނގަޅުކުރަން. ރައްޔިތުން އަހަންވީ ސުވާލަކީ މިސާލަކަށް ރައްޔިތުންގެ ތެރެއިން އެމްޑީޕީ އާއި ހެދި އޭ މިއަދު އެބޭފުޅުން (ސަރުކާރުން) އެ ވިދާޅުވާ ހާލަތަށް ގައުމު އައީ. އެހެން ގަބޫލުކުރާ ރައްޔިތުން ދެން ކުރަންވީ ސުވާލަކީ މައްސަލައެއް ނެތް، އެމްޑީޕީ އާއި ހެދި އެހެންވީމަ އާ ސަރުކާރެއް މިއޮތީ ދީފައި، މި ބޭފުޅުންގެ އަމަލުތައް ހުރީ ކިހިނެއްހޭ، އެކަން ރަނގަޅުކުރާނެ ގޮތަކަށްތޯ ނުވަތަ ނޫންތޯ؟"ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން