ތައްޔާރު ކުރަން ފަސޭހަވީނަމަވެސް ނޫޑުލްހަކީ ހަށިގަނޑަަށް ގެއްލުންހުރި އެއްޗެއް.
ތައްޔާރު ކުރަން ފަސޭހަވީނަމަވެސް ނޫޑުލްހަކީ ހަށިގަނޑަަށް ގެއްލުންހުރި އެއްޗެއް.
ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުން ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެންވެސް ބޭނުން ކަމެކެވެ. ނަމަވެސް މިހާރު ގިނަ މީހުންނަށް ކަމުދަނީ ފަސޭހައިން ލިބެން ހުންނަ ތައްޔާރީކާނާގެ ބާވަތްތަކެވެ. ސިއްހަތަށް ފައިދާހުރި ކާއެއްޗެހި ކާންވެއްޖެނަމަ ގިނަ ފަހަރަށް ތިބެނީ ހައި ބަނޑާއެވެ.

މިހެން މިކަން މެދުވެރިވާން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ. ރާއްޖެއަށް ތައްޔާރީ ކާނާ އެތެރެ ކުރާ ފަރާތްތަކުން އެ އެއްޗެހި އިޝްތިހާރު ކޮށްފައި ހުންނަ ގޮތް ފެނިފައި ކޮންމެ މީހެއްވެސް އެ އެއްޗެހި ކާން ބޭނުންވާނެއެވެ. ކިތައްމެ އަގު ބޮޑުވެފައި ނުބައި ވިޔަސް އެހެން މީހުން ތައްޔާރީ ކާނާ ކާތަން ފެނުމުން އަޅުގަނޑުމެންވެސް އެ ކާން ބޭނުންވަނީއެވެ.

ސިއްހަތަށް ގެއްލުންހުރި ބައެއް ކާނާގެ ބާވަތްތައް:

ނޫޑުލްސް

ނޫޑުލުހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ނޫޫޑުލުހަކީ ތައްޔާރު ކުރަން ފަސޭހަވެފައި ރަހަ މީރު އެއްޗަކަށްވުމުން އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް މިއީ ވަރަށް މަގުބޫލު އެއްޗެކެވެ. ނަމަވެސް މީހުންގެ ތެރޭގައި ކިތަންމެ މަގުބޫލު ވިޔަސް މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ކައިގެން ވާނެ އެއްޗެއް ނޫނެވެ.

ނޫޑުލުހަކީ ސިއްހަތަށް ވަރަށް ގެއްލުންހުރި އެއްޗެކެވެ. އެއީ އޭގައި ގިނަ އަދަދަކަށް ލޮނާއި ކެމިކަލްތައް ހުންނަ އެއްޗަކަށް ވުމުގެ ސަބަބުން އެ ކެއުމުން ލޭ މައްޗަށް ދިއުން ފަދަ ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާ ގިނައިން ނޫޑުލްސް ކެއުމަކީ ކޮލެސްޓްރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ ދާއިމީ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ.

ކޮންމެ ދުވަހަކު ނޫޑުލްސް ކާނަމަ ހަށިގަނޑަށް ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެގޮތުން ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ގޮހޮރުގެ މައްސަލަތަކާއި، ބަރުދަން އިތުރުވުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި އަދި ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވުން ހިމެނެއެވެ. މީގެ އިތުރުން މާ ގިނައިން ނޫޑުލްސް ކެއުމަކީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މީހާގެ ހަށިގަނޑު ހުށަހެޅިގެންދާ ކަމެއްވެސް މެއެވެ.

ރާއްޖޭގެ ނިސްބަތަށް ބަލާއިރު ނޫޑުލްސް ބޭނުން ނުކުރާ މީހުންގެ އަދަދު ވަރަށް މަދުވާނެއެވެ. މިހާރު ނޫޑުލުހުގެ އެކި ވައްތަރުތަކަކީ މި ރާއްޖޭގައި ވަރަށް ފަސޭހައިން ލިބެން ހުންނަ ބާވަތްތަކެކެވެ. ވިޔަފާރިވެރިން ނޫޑުލްސް އިޝްތިހާރު ކުރާއިރު އެ ކުރަނީ ގިނަ މީހުން މި ބޭނުން ކުރާ ހިތްވާފަދަ ގޮތްގޮތަށެވެ. ނަމަވެސް ހަގީގަތުގައި ނޫޑުލްސް މާ ގިނައިން ކެއުމަކީ ސިއްހަތަށް އެތަކެއް ގެއްލުމެއް ލިއްބައިދޭ ކަމެކެވެ. ވީމާ ނޫޑުލްސް ކެއުން ހުއްޓާލަން އެންމެންވެސް ޖެހެއެވެ. ނުވަތަ މި ބޭނުން ކުރާވަރު މަދު ކޮށްލަން ޖެހެއެވެ.

އެނާޖީ ޑްރިންކް

ވިޔަފާރިވެރިން އެނާޖީ ޑްރިންކުތައް ޕްރޮމޯޓުކުރަނީ އެއީ މީހާގެ ފޯކަސް ރަނގަޅުކޮށްދޭ، ސަމާލުކަން އިތުރުކުރުމަށް އެހީވެދޭ އަދި މީހާ އިތުރަށް އެލާޓުކޮށް، ސިކުނޑިއާއި ހަށިގަނޑު ސުޕަރޗާޖު ކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ކެފެއިން އެކުލެވޭ އެނާޖީ ޑްރިންކުތައް ބުއިމުން މީހާގެ ފޯކަސް އިތުރު ކޮށްދީ އަދި ހަކަތަ އިތުރުކޮށްދޭނެ ކަމާމެދު އިންކާރެއް ނުކުރެވޭނެއެވެ. ނަމަވެސް އެނާޖީ ޑްރިންކަކީ ދާއިމީ ގޮތެއްގައި ބޯން ފަށައިފިނަމަ އެއަށް ދެވި ހިފާ އެއްޗެކެވެ.

ރާއްޖެއިންވެސް އެކި ޒާތްޒާތުގެ އެނާޖީ ޑްރިންކު ލިބުމަކީ މިހާރު ވަރަށްވެސް ފަސޭހަކަމެކެވެ. ކޮންމެ ކަންމަތީ ފިހާރައަކުންވެސް މިހާރު މަދުވެގެން އެއް ވައްތަރުގެ އެނާޖީ ޑްރިންކު ވިޔަސް ލިބެއެވެ. ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެނާޖީ ޑްރިންްކު ބްރޭންޑުތަކުގެ ތެރޭގައި ރެޑްބުލް އާއި، އެކްސްއެލްއާއި، ސްޕީޑްއާއި، އަދި ޗާރޖްޑް ފަދަ ބުއިންތައް ހިމެނެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އެނާޖީ ޑްރިންކު ކިތައްމެ މަގުބޫލު ވީނަމަވެސް މާ ގިނައިން އެނާޖީ ޑްރިންކު ބުއިމަކީ ސިއްހަތަށް ވަރަށް ގެއްލުންހުރި ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެނާޖީ ޑްރިންކު ގިނައިން ބޭނުންކުރާނަމަ ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، އަދި ކެންސަރު ބަލި ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މެދުވެރިވެއެވެ. އަދި އެނާޖީ ޑްރިންކު އުފެއްދުމުގައި ގިނަ އަދަދަކަށް ހަކުރު ބޭނުން ކޮށްފައި ވުމުގެ ސަބަބުން އެ ބޭނުން ކުރާނަމަ ބަރުދަން އިތުރުވުމާއި ޓައިޕް 2 ޑައިބެޓީސް ފަދަ ނުރައްކާތެރި ބަލިތަކަށް މީހާގެ ހަށިގަނޑު ހުށަހެޅިގެން ދާ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ހަކުރުގެ އިތުރުން އެނާޖީ ޑްރިންކުތައް އުފެއްދުމުގައި އެކި ކަހަލަ މާއްދާތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި ކެފެއިން އާއި، އެމިނޯ އެސިޑެއް ކަމަށްވާ ޓޯރީން އާއި، ޖިންސެން އާއި ގުއަރަނާފަދަ ހާބަލް މާއްދާތައް ބޭނުންކުރެއެވެ. މިއިން ކޮންމެ މާއްދާއަކީވެސް ވަކި ވަކިން ބޭނުން ކުރާ ނަމަ ހަށިގަނޑަށް ފައިދާހުރި މާއްދާތަކެކެވެ. ނަމަވެސް މި ހުރިހާ މާއްދާއެއް އެއްކޮށްލުމުން އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ ގެއްލުންތައް ލިބެއެވެ. ވީމާ އެނާޖީ ޑްރިންކު ބުއިން މަދުކުރަން އެންމެންވެސް މަސައްކަތް ކުރަން ޖެހެއެވެ.

ޕްރޮސެސް ކޮށްފައި ހުންނަ ކާއެއްޗެހި (ސްނެކް)

ޕްރޮސެސް ކޮށްފައި ހުންނަ ސްނެކް (ޗިޕްސް، ޕިކްފައިން، ޕްރެޓްޒެލް، ޑޮރިޓޯ) ތަކަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަގުބޫލު ބާވަތްތަކެކެވެ. ޕިކްނިކު ދިޔަކަމުގައިވިޔަސް، ރައްޓެހިންނާއި އެކު ހޭންގްއައުޓު ކުރި ކަމުގައި ވިޔަސް އަނގަ ހަފާލަން ގިނަ ފަހަރަށް ބޭނުންކުރަނީ މިފަދަ ކެއުމުގެ ބާވަތްތަކެވެ. ނަމަވެސް މި ބާވަތްތަކަކީ ސިއްހަތަށް ވަރަށް ގެއްލުން ހުރި ބާވަތްތަކެކެވެ.

ބީއެމްޖޭ ގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން ޕްރޮސެސް ކޮށްފައި ހުންނަ ސްނެކްތައް ކެއުމަކީ މީހާގެ އުމުރު ކުރުވެގެންދާ ކަމެކެވެ. މީގެ އިތުރުން ހާވާޑްގެ ދިރާސާއަކުން ދައްކާ ގޮތުގައި މިފަދަ ޕްރޮސެސްކޮށްފައި ހުންނަ ކާއެއްޗެހި ކެއުމުން ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތައް ޖެހުމަށް ވެސް މެދުވެރިވެއެވެ.

މިފަދަ ކާއެއްޗެއްސަކީ އޭގައި ގިނަ އަދަދަކަށް ހަކުރާއި ލޮނު އެކުލެވިގެންވާ ބާވަތް ތަކެކެވެ. މީގެ އިތުރުން މި އެއްޗެހި އުފެއްދުމުގައި ޕްރިޒަވޭޓިވްތަކާއި، ހައިޑްރޮޖެން އެކުލެވިގެންވާ ތެޔޮތަކާއި އާރޓިފިޝަލް ކުލަ ފަދަ މާއްދާތައް ބޭނުންކުރެއެވެ. އޭގެ ސަބަބުން މި ފަދަ ޕްރޮސެސް ކޮށްފައި ހުންނަ ކާއެއްޗެހި ބޭނުން ކުރުމުން ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތައް ޖެހުމަށް މެދުވެރިވެއެވެ.

މަތީގައި މިވަނީ އަޅުގަނޑުމެން ވަރަށް ގިނައިން ކައިބޮއި އުޅޭ އެއްޗިއްސެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަގުބޫލު ބާވަތްތަކަކަށްވާތީ، މި ކެއުންތަކަކީ ގިނަ ބަޔަކު ދެވި ހިފާފައިވާ ބާވަތްތަކެއްވެސް މެއެވެ.

ވިޔަފާރިވެރިން މި އެއްޗެހި ޕްރޮމޯޓު ކުރަނީ އެމީހުންނަށް ފައިދާ ވާ ގޮތަށެވެ. މޮޅެތި ގޮތްގޮތަށް މި ބާވަތްތައް އިޝްތިހާރު ކުރާއިރު، މި ބޭނުން ކުރުމުން ހަށިގަނޑަށް ލިބޭ ގެއްލުންތަކެއް ހާމައެއް ނުކުރެއެވެ. މިއީ ހަށިގަނޑަށް މިހާ ގެއްލުންހުރި އެއްޗިއްސަށް ވީއިރު އެންމެންވެސް މި ބޭނުން ކުރުން މަދުކޮށް ހުއްޓާލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން