މަރްޔަމް ނަހްދާ ވަޙީދު   16 ޖުލައި 2024 - 3:35
ޗިއާ ފެނަކީ ބަރުދަން ލުއިކޮށްދޭ އެއްޗެއް.
ޗިއާ ފެނަކީ ބަރުދަން ލުއިކޮށްދޭ އެއްޗެއް.
ޗިއާ ސީޑަކީ އޭގައި ގިނަ އަދަދަކަށް ނިއުޓްރިއެންޓު އެކުލެވިގެންވާ ސުޕަފުޑް އެކެވެ. ޗިއާ ސީޑަކީ ކުދިކުދި އޮށްތަކެއް ކަމުގައި ވީނަމަވެސް އޭގައި ވިޓަމިން ބީ އާއި ފައިބަރާއި، އަޔަންއާއި، ޕްރޮޓީންއާއި މެގްނީޒިއަމްގެ އިތުރުން އަދިވެސް އެހެނިހެން ނިއުޓްރިއެންޓުތައް ހުރެއެވެ. މިއީ އޯޓްސް ފަދަ ކާއެއްޗިއްސަށް އަޅައިގެންނާއި އެކި ކަހަލަ ފުރުޓު ޕުޑިންތަކަށް އަޅައިގެން ވަރަށް ގިނަ މީހުން ބޭނުން ކުރާ އެއްޗެކެވެ.

ޗިއާ ސީޑް ގިނަ މީހުންނަށް އެނގިފައިވަނީ ބަރުދަން ލުއިކުރަން ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. ބަރުދަން ލުއިކުރުމުގެ ގޮތުން އެކި ގޮތްގޮތައް ޗިއާ ސީޑް ބޭނުން ކުރެއެވެ. އެގޮތުން ބަލާއިރު ޗިއާ ސީޑް އަޅާފައި ހުންނަ ފެން ބުއިމަކީވެސް ބަރުދަން ލުއި ކުރުމުގައި އެހީވެދޭ ކަމެކެވެ. ޗިއާ ބޭނުން ކުރުމުން ބަރުދަން ލުއި ކުރުމުގެ އިތުރުން އެހެނިހެން ފައިދާތައްވެސް ހަށިގަނޑަށް ވެއެވެ.

އަޔޫރްވެދިކް މާހިރެއް ކަމަށްވާ ޑިމްްޕަލް ޖަންގްޑާ ބުނެފައިވަނީ ޗިއާ އޮށަކީ އޭގެ ސައިޒަށްވުރެ 17 ގުނަ އިތުރަށް ފެން ޖަހައިގަންނަ އެއްޗެއްކަމުގައި ވުމުން އެއީ ބަރުދަން ލުއިކުރުމުގައި އެހީވެދޭ އެއްޗެއް ކަމުގައެވެ. އޭނާ ބުނެފައިވަނީ އެ އޮށްތައް ތެއް ވުމުން ސައިޒުން ބޮޑުވެ ޖެލީ ފަދަ އެއްޗަކަށް ބަދަލުވާ ކަމަށާއި ޗިއާ ފެން ބުއިމުން އެ އޮށްތައް ބަނޑުގައި ބޮޑުވެ ބަނޑުގެ ބޮޑު ޖާގައެއް ފުރާލާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބަނޑުހައިވުން ކުޑަ ކޮށްދީ، ބަރުދަން ލުއި ކުރުމަށް އެހީވެދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޗިއާ އަކީ ގޮހޮރުގެ މައްސަލަތައް ހައްލުކޮށްދިނުމަށްވެސް އެހީވެދޭ އެއްޗެކެވެ. އޭގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭތީ ޗިއާ ބޭނުން ކުރުމުން ގޮހޮރުގައި ރަނގަޅު ބެކްޓީރިއާ ގިނަ ކޮށްދީ ބޮޑުކަމުދެވޭވަރު އިތުރު ކޮށްދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ހުންނަ ބޭކާރު މާއްދާތައް ބޭރުވެއެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ބަރުދަން ވެސް ލުއިވެއެވެ.

ޗިއާ އަކީ ލޭގައި ހުންނަ ހަކުރު ލެވެލްތައް އެއް ހަމައެއްގައި ބަހައްޓައިދިނުމަށް އެހީވާ އެއްޗެކެވެ. އަދި ޗިއާ އޮށުގައި ހުންނަ ފައިބަރުގެ ސަބަބުން އިންސިއުލިން ރެސިސްޓެންސް ދަށްކޮށްދީ ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅު ވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެވެ. މީގެ އިތުރުން ޗިއާ ބޭނުން ކުރުމުން ހިތުގެ ބަލިތައް ޖެހުމުން ރައްކާތެރިވުމަށް އެހީވެދެއެވެ. އަދި ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށްދީ ހަންގަނޑު ރީތިކޮށްދިނުމަށްވެސް އެހީވެއެވެ.

ޗިއާ ފެން ތައްޔާރު ކުރާނެ ގޮތް:

⁃ ފެން ތައްޓެއްގެ ތެރެއަށް އެއް މޭޒުމަތީ ސަމުސާ ޗިއާ އޮށް އަޅާފައި ގިރާލާށެވެ.

⁃ އަދި ޗިއާ އޮށްތައް ރަނގަޅަށް ފޯކުރުމަށްޓަކައި އެއްރޭ ނުވަތަ މަދުވެގެން ގަޑިއިރެއް ވަންދެން ބަހައްޓާށެވެ.



⁃ ބޭނުންނަމަ ޗިއާ ފެން ބޯއިރު ލުނބޯކޮޅަކާ މާމުއި ކޮޅެއް އަޅައިގެން ބޭނުން ކުރާށެވެ.

ޗިއާ އަކީ ބަރުދަން ލުއިކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އަދި ޗިއާ ބޭނުން ކުރުމުން ހަށިގަނޑަށް ގިނަ ފައިދާތަކެއްވެސް ވެއެވެ. ނަމަވެސް ޗިއާ އަކީ ކެލޮރީތައް ގިނަ އެއްޗަކަށް ވުމުގެ ސަބަބުން އެއްފަހަރާ މާ ގިނައިން ޗިއާ އޮށް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި މިހެން ޗިއާ ބޭނުން ކޮށްފިނަމަ އޭގެ ސަބަބުން ހަޖަމު ކުރުމުގެ މައްސަލަތައް ކުރިމަތިވެ ގޭސް އުފެދުމަށްވެސް މެދުވެރިވެދާނެއެވެ. ވީމާ ބަރުދަން ލުއިކުރުމަށް ޗިއާ ބޭނުން ކުރާއިރު މަދުން ބޭނުން ކުރުން މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން