އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކުރާ މައްސަލަތަކުގައި ބޭންކުތަކުން މައުލޫމާތު ހޯދަން ދަތި ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި، ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެކޮމިޝަނުން ތަހުގީގްކުރާ މައްސަލަތަކުގައި މައުލޫމާތު ހޯދަން ދަތިކަމަށެވެ. އަދި މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އަދާނުކުރާ ކަމަށް ޝާމިލް ވިދާޅުވިއެވެ. އެގޮތުން އެ އޮތޯރިޓީން ހަދަން ޖެހޭ ގަވާއިދުތައް ހެދުން ފަދަ ކަންކަން ނުކުރާކަން ޝާމިލް ފާހަގަކުރެއްވިއެވެ.

ޝާމިލް ވިދާޅުވީ ތަހުގީގުތަކުގެ ތެރެެއިން ކޮރަޕްޝަންގައި ބައިވެރިވެފައިވާ މީހުންނާއި އެ މީހުން މާލީ މަންފާ ހޯދީ ކިހިނެއްކަން ބަލާނެ ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ ބަޔަކު ނުހައްގުން މުއްސަނދިކަން ހޯދައިފައިވާކަން ދެނެގަނެވޭނީ ބޭންކުތަކުން ލިބެންޖެހޭ މައުލޫމާތު ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެމައުލޫމާތު ލިބުމުން ފޮރެންސިކް މާހިރުން ކުރާ މަސައްކަތްތަކަށް ދިގު މުއްދަތެއް ނަގާއިރު އެފަދަ މައްސަލަތަކުގައި ބޭންކުތަކުން މައުލޫމާތު ލިބުން ދަތިވުމަކީ ގޮންޖެހުމެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝާމިލް ވިދާޅުވީ ބޭންކުތައް ބަލަހައްޓާ އެމްއެމްއޭގައި، އެ އޮތޯރިޓީގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަދަން ޖެހޭ ގަވާއިދުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް، ޒަމާނާ ގުޅޭ ގޮތަށް އެކަމާ ގުޅުންހުރި ގަވާއިދުތައް ނުހަދައި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ކޮރަޕްޝަން ހުއްޓުވުމަަށް ފުލުހުންނާއި ކަމާބެހޭ މުވައްސަސާތަކުގެ އެހީތެރިކަން ކޮމިޝަނަށް ބޭނުންވާއިރު އެ މައުލޫމާތު ނުލިބޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން