ރައީސް ޑރ. މުހައްމަދު މުއިއްޒު ޒައާމަތުގައި ކީރިތި ގުރުއާންގެ އިލްމް ފެތުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސުން ފެށިގެން ދައުލަތުގެ ވަޒީރުންނާއި ވެރިން ހަފުލާގެ ކުރީ ސަފު ފުރާލުމަކީ މި ސަރުކާރުން މި މުބާރާތައް ދޭ އަހައްމިއްޔަތުކަން ހާމަވަގެންދާ ކަމެއް ކަމަށެވެ. އަދި އެއީ މުބާރާތުގެ ބައިވެރިންނާއި، އެކުދީންގެ ހިތްވަރުގަދަ ބެލެނިވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމު ވިދާޅުވީ، ދައުލަތުގެ ހުރިހާ ވެރިން ހިމެނޭހެން މި ޖަލްސާ މިހާތަނަށް ބޭއްވިފައިވާކަން ހަނދުމަފުޅު ނެތް ކަމަށެވެ. އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކީރިތި ގުރުއާނުގެ އިލްމު ރާއްޖޭގައި ފެތުރުމަށް ރައީސް ޑރ. މުއިއްޒު އަމިއްލަފުޅުގޮތުންވެސް ދެއްވާ އަހައްމިއްޔަތުކަން ކަމުގައި ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި އިތުރަށް މި ހަރަކާތް ވަރުގަދަކޮށް ދިވެހި ރާއްޖޭގެ ތާރިޚުގައި މި މުބާރާތުގެ ވާހަކަ ރަންއަކުރުން ފަވާލެވޭނެ ކަމާއިމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" ރައީސް މުޢިއްޒު ބައިވެެރިވެވަޑައިގެން އިއްނެވި ރަސްމިއްޔާތުގައި ޝަޙީމް ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް މުއިއްޒު މާލެސިޓީގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް ވަރަށް ހިތްގައިމުކޮށް މި މަސައްކަތް ކުރެއްވި ކަމަށެވެ. މިރޭ ފެނިގެން ދިޔައީ ރައީސްގެ ޒައާމަތުގައި ކީރިތި ގުރުއާން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރުމަށް މުހިންމުކަން ދެއްވާނެކަމުގެ ވަރަށް މަތީ ނިޝާނެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ މީގެ 36 އަހަރުކުރިން މުބާރާތް ފައްޓަވައި ދެއްވިކަމަށްޓަކައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމަށް ޝުކުރު އަދާކުރައްވައި އެކަން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން