ނިމިދިޔަ ސަރުކާރުން ހިންގި ބޯހިޔާކަމުގެ މަޝްރޫއުގެ ތެރެއިން މާލެ ސަރަހައްދުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިސްޓުގައި މައްސަލަ ނޫޅޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރަން މާ ލަސްވެއްޖެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ، މާލޭގައި ދުވަހަކު ނޫޅޭ މީހުން ހިމެނޭހެން މިިދިޔަ ސަރުކާރުން ޢާންމުކުރި ލިސްޓަށް ފްލެޓު ދީގެންނުވާނެ ކަމަށެވެ. އެހެނަސް، ފްލެޓް ލިސްޓު އިވެލުއޭޓުކުރުން މިހާ ލަސްވުން ބަލައެއްނުގަނެވޭ ކަމަށް ސައިފް ވިދާޅުވިއެވެ.

ފްލެޓް ލިސްޓް އިވެލުއޭޓް ކުރަމުން ކުރަމުން ދާތާ އެތައް މަސްދުވަހެއް ފަހަނަ އަޅާ ދިޔައިރުވެސް އޭގެ ހަބަރެއް ނުވާކަމަށް ސައިފް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ހިތުން އަދި ނުގަވާއިދުން ބަޔަކަށް ނަންތަކެއް ލިސްޓުގަ ހިމެނިފަ ހުއްޓަސް ގިނަވާނީ ރަނގަޅަށް ހިމެނިފަ ހުރި ނަންތަކެއް. އަދި ހައްގުވެރިންގެ ނަން ހިމެނިފަ އޮތްލެއް ގިނަވާނެ، ނުގަވާއިދުން ގޮއްސަހުރި ސްލޮޓްތަކަށްވުރެ. އެހެންވީމަ މިހާރު ރަނގަޅަށް އެވޯޑު ކޮށްފަ ހުރި، ރަނގަޅަށް އިވޭލުއޭޓް ކޮށްފަހުރި، އޭގަ ޝައްކެއް ނެތް މިންވަރަށް ހުރި ބޭފުޅުންނަށް އަވަހަށް ފްލެޓް ހަވާލު ކުރުމަކީ ވަރަށް މުހިންމު ކަމެއް" ހައްގުވެރިންނަށް ފްލެޓް ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅު ކުރަމުން ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، މައްސަލަ ހުރި މީހުންގެ ސަބަބުން މައްސަލަ ނެތް މީހުންނަށް ފްލެޓަށް ނުވަދެވި ތިބެން ނުޖެހޭ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ރެކަމެންޑޭޝަންގެ ތެރޭގަވެސް އޮތުން، ކޮމިޓީގެ ރެކަމެންޑޭޝަންގެ ތެރޭގަވެސް އޮތުން. އޭސީސީއާ ފުލުހުންނާ އަދިވެސް ކަމާބެހޭ ތަންތަނުން ބައްލަވާފަ އޭގަ ހުރި ރެކަމެންޑޭޝަންއަށް، އެ ބޭފުޅުން އެކޮމެންޑް ކުރައްވާ ގޮތްތަކަށް އަޅުގަނޑުމެން ތަބާވެގެން، ތާއީދު ކޮށްގެން، އެގޮތަށް އަވަހަށް ވަޑައިގަތުމަށް އަޅުގަނޑުމެން ދަންނަވާއިރުގަ، ރަނގަޅަށް ހުރި މީހުންނަށް އަވަހަށް ހަވާލު ކުރުމަށް އޭގަ އޮންނަން ޖެހޭނީ" ސައިފް ތަކުރާރު ކުރެއްވިއެވެ.

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓްގެ މައްސަލާގައި އޭސީސީން ވަނީ ޖިނާއީ ތަޙުޤީޤެއް ފަށާފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލަމުން ދަނީ ދޮގު މަޢުލޫމާތު ދީގެން ފްލެޓް ހޯދާފައިވާ މީހުންނާއި، ފްލެޓް ކޮމިޓީގެ ބައެއް މައްސަލަތަކެވެ. ނަމަވެސް އެކަމުގެ ތަފްސީލީ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އަވަސް އަރުވާލައިގެން އާންމުކުރި ފުލެޓް ލިސްޓްތަކުގެ ޖިނާޢީ މައްސަލަތަކެއް އޭސީސީން ބަލަމުންދާއިރު، ސަރުކާރުގެ ތެރެއިން ވެސް ދަނީ އެ ލިސްޓްތަކުގައި ނުހައްގުން އެއްވެސް ފަރާތަކަށް ފުލެޓު ދީފައިވޭތޯ ބަލާ ލިސްޓްތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މައްސަލާގައި އޭސީސީން މީގެކުރިން ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓާއި ގުޅިގެން އިތުރަށް ތަހުގީގުކުރަންޖެހޭ ކަންކަން އެ ކޮމިޝަންގެ ފަރާތުން ބަލަމުންދާނެކަމަށާއި އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އޭސީސީން މީގެ ކުރިން ވަނީ ކުރީގެ ސަރުކަރުގައި ނެރެފައިވާ ފްލެޓް ލިސްޓްގައި ހިމެނޭ ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓެއް ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައެވެ. އޭސީސީން މި މައްސަލަ ބެލުމަށްފަހު ހައުސިންގ މިނިސްޓްރީއަށް ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 ފަރާތެކެވެ.

4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އޭސީސީން ކުރި ތަހުގީގަށް ފަހު ބުނީ އޭގެތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ. ކުރީ ސަރުކާރުން ފްލެޓްގެ ހައްގުވެރިންގެ ގޮތުގައި އެކުލަވާލި ދާއިމީ ލިސްޓުގައި ހިމެނޭ 20 އިންސައްތަ ފޯމުގައި މައްސަލަތައް ހުރި ކަމަށް އޭސީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން