ސަރުކާރުގެ ބަސްމަގު ހުރީ ގައުމުގެ އިގްތިސާދީ މާލީ ހާލަތުން އަރައިގަންނަން ބޭނުންވާ ގޮތަކަށް ނޫން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ. ކުރީގެ މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ ވެރިންގެ ބަސްމަގު ހުރީ މާލީ ހާލަތުން އަރައިގަންނަން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

އަމީރު ވިދާޅުވީ މިއަދު ފެންނަނީ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގައުމުގެ އިގްތިސާދާއި މާލީ ހާލަތުގެ ދަތިކަމުގެ ވާހަކަ ދައްކަވާތަން ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ރާއްޖެ ބަނގުރޫޓްވާ ވާހަކަ ދައްކަމުން ގެންދާތީ ބޭރުގެ އިންވެސްޓަރުން އިންވެސްޓް ކުރުމަށް ޖެހިލުންވާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ މާލީ އިދާރާތަކުން ލޯނު ދޭން ފަސްޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން މާލީ ދަތިކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި މިހާރުން މިހާރަށް އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ އެވާހަކަތަައް އެގޮތަށް ނުދައްކައި ކުރަންޖެހޭ ކަންކަން ކޮށް އެ ރިފޯމްތައް ގެންނާނީ، އޭރުން ވާގޮތަކީ ބޭރުގެ އިންވެސްޓަރުންނާއި ބޭރު ގައުމު ތަކުގެ ވެރިން ވެސް ރާއްޖެ އާއި މެދު ދެކޭގޮތް ޕޮޒިޓިވް ވާނެ، މިހާރު މި ވާގޮތަކީ އެބޭފުޅުން ބޭރު ގައުމުތަކަަށް ގޮސްފައި އެބޭފުޅުން އަމިއްލަ އަށް ހުރިހާ ވާހަކައެއް ގޯސްކޮށް ނެގެޓިވްކޮށް ދައްކައި ބޭރުގެ އަޑުއަހަން ހުންނަ އިންވެސްޓަރުން ވެސް ބޭރުގައި އަޅުގަނޑުމެންނަށް ހިލޭ އެހީ ދޭން ހުރި ގައުމުތަކުގެ ވެރިން ވެސް ވަރަަށް ގޯސްކޮށް ދެކޭނީ،" އަމީރު ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތާއި ގުޅިގެން ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. އޭގޮތުން ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ހަރަދުކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ނިންމައި އެކަންތައްތައް ސަރުކާރުން ވަަނީ އިއުލާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން