މ. މުލިން ކަރަންޓް ކެނޑިފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ގޮވާލައިފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުލީގައި ކަރަންޓު ނެތް މައްސަލަ އެ ކޮމިޝަނުން މޮނީޓާ ކުރަމުން އަންނަ ކަމަށާއި އިދާރާތަކާ އެކު މަޝްވަރާކޮށް، އަވަސް ހައްލެއް ލިބޭތޯ ބަލާނެ ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ފަދަ އަސާސީ ހައްގެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑިފައިވުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށާއި އެއީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ކޮމިޝަނުން ބުނެއެވެ.

އެޗްއާރުސީއެމުން ވަނީ މައްސަލަ އަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ކަމާ ގުޅުން ހުރި އެންމެހާ އިދާރާތަކަށް ގޮވާލާފައެެވެ.

މި މައްސަލައަށް ހައްލެއް ލިބުމާ ހަމައަށް މިކަން ކޮމިޝަނުން ވަރަށް ގާތުން މޮނީޓަ ކުރަމުން ދާނެ ކަމުގައި ދަންނަވަން،" އެޗްއާރްސީއެމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ފެނަކައިން ބުނީ އެ ރަށުގެ ކަރަންޓަށް މައްސަލަ ދިމާވި ވަގުތުން ފެށިގެން، އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން 600 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސް، އެ ޖަނަރޭޓަރު އިންސްޓޯލްކޮށްގެން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

މުލިން އިއްޔެ ހެނދުނުގެ ވަގުތެެއްގައި ކަރަންޓު ކެނޑުނީ އެރަށުގައިހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އޭގެފަހުން އަދި ވެސް އެރަަށައް ކަރަންޓު ނުލިބޭ ކަމަށް ކައުންސިލުން ބުނެއެވެ. ކަރަންޓު ކެނޑުމާއި ގުޅިގެން މުލީ ސުކޫލާއި ސަރުކާރުގެ އިދާރާތަށް ވަނީ ބަންދުކޮށްފައެވެ.

މުއްޔަކީ އާބާދީގައި 1،500 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން