ރައްޔިތުންނަށް ކަންކަން އޮޅުވާލަން ނޫޅުމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައީސް ޔާމިން މިކަމަަށް ގޮވާލެއްވީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު އޮފީހުގައި މިރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިޖަލްސާގައި ކުރީގެ ރައީސް ޔާމިން ވިދާޅުވީ މިސަރުކާރު ވެރިކަމަށް ގެނައީ ރައްޔިތުންނަށް ޚިދުމަތްކުރަން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ޚިދުމަތްްކުރަން ސަރުކާރަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭ ކަމަށް ޔާމިން ވިދާޅުވިއެވެ. އެގޮތުން ސަރުކާރު މިހާރު ދާ މިސްރާބު ރަނގަޅުކޮށް އިޚުލާސްތެރިކަމާއި ތެދުވެރިކަމާއި ސާބިތުކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށް ޔާމިން ވިދާޅުވިއެވެ.

"ރައްޔިތުންނަަށް ޚިދުމަތްކުރަން ސަރުކާރަަށް ލިބުނު ފުރުސަތުގައި އަޅުގަނޑުގެ އިލްތިމާސަކީ ދެކޮޅު ނުޖެހޭ ވާހަކަ ނުދައްކާށޭ، ދޮގު ނަހަދާށޭ، އޮޅުވާނުލާށޭ، މިހާހިސާބުން ވެސް ދެން މިސްރާބު ބަދަލުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ސާބިތުކަމާއި އެކީ ތެދުވެރިކަމާއެކީ މަސައްކަތް ކުރާށޭ ހުރިހާ އެންމެން، އެއްގޮތަކަށް ވެސް ކުނިބުނި މީހުންނާއި ދިމާލަށް ގޮވަން ނަހަދާ." ރައީސް ޔާމިން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ މި ސަރުކާރުން ކަންތައްތަށް ހިނގާ ގޮތް ރައްޔިތުން ތިބީ ބަލަން ކަމަށެވެ. އަދި މި ސަރުކާރު ރައްޔިތުން ވެރިކަމަށް ގެނައީ ކުރީގެ ރައީސް ސޯލިހްގެ ވެރިކަން ކަމު ނުގޮސްގެން ކަމަށެވެ. އަދި ސަރުކާރު ވެރިކަމަށް އައީ އޭރުގެ ސަރުކާރުން ކުރި ގޯސްކަންކަމުގެ ވާހަކަ ދައްކަމުން ކަމަށް ޔާމިން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އުޅެނީ ރައްޔިތުން މަގޫފަތް ކާންޖެހޭ ހިސާބަށް ތިރިކުރަން ކަމަށެވެ.

"މިހާރު މި ހިނގާ ކަންތައްތަކުގައި ރައްޔިތުންގެ ފެންވަރު މަގޫފަތާއި ހަމަޔަށް ތިރިކުރާ ވާހަކަ ދެއްކީމަ މަގޫފަތް ކާ ވާހަކަޔާ ހިސާބަށް ދެއްކީމަ އެ ހުންނަނީ ވަރަށް ހަޑިހުތުރު ކަންތައްތައް. އިހަށްދުވަހު ދެއްތޮ ނޫސްތަކުގައި ޖެހީ މި ސަރުކާރުގެ އެންމެ ފުރަތަމަ ކޮޅުގެ ކެއުމުގެ ބަޖެޓް ޖަހާލީ ފިއްކަނޑައިގެންދާ ވަރުގެ އަދަދުތައް އެހެރީ ރައްޔިތުންގެ އަތުގައި ޑޮކިއުމަންޓްކޮށްފައި އެބަހުއްޓޭ. އެ އަދަދުތަށް އެހުރިހާ ކަމެއްކޮށްފައި މިއަދު ދެން ގަރުދިޔަ ބޯލައިގެން އުޅޭށޭ ބުންޏަސް ދެކޮޅެެއް ނުޖެއްސޭނެ ދެއްތޮ މިކަހަލަ ކަންތަކެއް،" ރައްޔިތުން ޚަރަދުކުޑަކުރަން އާދައިގެ ދިރިއުޅުމަށް ތިރިވެ ގޭގައި ގަރުދިޔަ އާއި ބަތާއި ކައްކައިގެން ކެއުމަށް ގޮވާލައްވައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަ އަށް އިޝާރަތް ކުރަށްވަމުން ޔާމިން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔާމިން ވަނީ މި ސަރުކާރުން އިންޑިޔާ އާއެކު ސިއްރު ގުޅުންތައް ބާއްވަމުންދާ ކަމަށް ތުހުމަތުކުރަށްވާފައެވެ. ޔާމިން ވިދާޅުވީ މި ސަރުކާރާއެކު ދިވެހި ހުރިހާ ރައްޔިތުން ވެސް އުއްމީދުކުރީ އިންޑިއާއާ އެކު އޮތް ސިއްރު ގާތް ގުޅުން ނިމުމަކަށް އަންނާނެކަމަށެވެ. އެހެން ނަމަވެސް އެކަން އެހެން ނުވި ކަމަށާއި، އެއީ ހިތާމަ ހުރި ކަމެއް ކަމަށް ވިދާޅުވެ ޔާމިން ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

ރައީސް ޔާމިން ވިދާޅުވީ އިންޑިޔާއާއެކު ވެފައިވާ ސިއްރު އެއްބަސްވުންތައް އަދިވެސް އެބައޮތް ކަމަށާއި އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން އެބަހުރި ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އިންޑިޔާ ސިފައިން ބޭރުކުރަން މި ސަރުކާރަކަަށް ނުކެރުނެވެެ. ޔާމިން ވިދާޅުވީ އިންޑިޔާއާއެކު ރާއްޖެއިން ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުން ދެމި އެބައޮތް ކަމަށެވެ.

"ކަންކަން ރަގަޅު ކުރަން ފުރުސަތު ލިބުމުން އެކަންކަމަށް ލޯ މަރާލާ މަންޒަރު މިހާރު މި ފެންނަނީ." ޔާމިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން