ޒަހީނުއްދީން ސަޢީދު   19 ޖުލައި 2024 - 22:26
ނެޝަނަލް ރަޖިސްޓްރޭޝަން ސިސްޓަމް، “ނާރެސް ޕޯޓަލް” އިފްތިތާހްކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން ބުނީ މި ސިސްޓަމަކީ ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ލުއި ފަސޭހަ ކުރުމުގެ ގޮތުންނާއި ކައުންސިލްތަކާއެކު އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދުނު ޕޯޓަލްއެއްކަމަށެެވެ. މި ޕޯޓަލް މެދުވެރިކޮށް ރަށްރަށުގައި ތިބެ އަމިއްލައަށް އޮންލައިންކޮށް އައިޑީ ކާޑަށް އެޕްލައި ކުރަން އުނދަގޫ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެ ހިދުމަތް ހޯދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން ބުނީ އައިޑީ ކާޑަށް އެދުމުގެ ހިދުމަތް އޮންލައިންކޮށްފައިވަނީ ކޮވިޑް 19 ގެ ސަބަބުން ކަމަށާއި އޭރު ރަށު ކައުންސިލުން ދެމުން އައި އެ ހިދުމަތް އޮންލައިން ކުރެވިގެން ދިޔުމުން ކައުންސިލްތަކާއެކު އޮންނަ ގުޅުން ހީނަރުވިކަމަށެެވެ. އަދި އޮންލައިންކޮށް ކޮންމެ މީހަކަށްވެސް އަމިއްލައަށް އެ ހިދުމަތް ހޯދުމުގެ ފުރުސަތު އޮތުމުން ފަސޭހަތަކެއް ވީ ނަމަވެސް އުމުރުން ދުވަސްވީ މީހުން ބާކީވެފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުގެ ސްޓޭޓަސް ބެލުމާއި މާލެއެކޭ އެއްފަދައިން އައިޑީކާޑު ދޫކުރުން އަދި އެޕްލިކޭޝަންތައް ބަލައި ގަތުމަށް ހިދުމަތް ލިބިގެންދާނެ ކަމަށެެވެ.

އަދި ނާރެސް ފޯޓަލާއިއެކު ކޮންމެ ކައުންސިލަކަށް 10 އިނގިލީގެ ނިޝާން ނަގާ ފިންގާ ފްރިންޓް ޑިވައިސްތަކެއް ހަވާލުކުރެވޭނެ ކަަމަށާއި އެކަން ވެގެންދާނީ ކައުންސިލްތަކާއި ޑީއެންއާރާއިއެކުގައި އޮތް ގުޅުންތައް ބަދަހި ވެގެންދާނެ ކަމަކަށް ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން