އެއްއަހަރު ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީން ދެނެގަންނާނެ ކަމަށް ދާހިލީ ސަލާމަތީ ޚިދުމަތްތަކާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ އޮޕަރޭޝަން ކުރަނގި ފޭސް-2 އިފްތިތާހް ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ. މި ރަސްމިއްޔާތުގައި ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާ އިރުޝާދާއެކު އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ކަށަވަރުކޮށް، އެއީކޮން ބައެއްކަން ދެނެގަނެ އެ މީހުންނާއި ދޭތެރޭގައި އަޅަަން ޖެހޭ ގާނޫނީ ފިޔަވަޅު، އެޅުމުގެ އޮޕަރޭޝަން ކުރަނގި ފޭސް-2ގެ ޒަރިއްޔާ އިން ކައުންސިލު ތަކަށް ދޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އޭރަށް ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީއެއް ނުވަތަ ޝައްކު ކުރެވޭ ބިދޭސީއެއް ނަމަ ކައުންސިލް މެމްބަރަކު ގޮސް އެމީހާގެ ފޮޓޯ ނަގާލާ ހިސާބުން އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން އެއީ ކާކުކަން، ކީއްކުރާ މީހެއްކަން، ކޮން ކުންފުންޏެއްގެ ނަމުގައި އައިސްފައި އިން މީހެއްކަން، އެންމެ ފަހުން ވިސާ ދެއްކީ ކޮންއިރަކު ކަން އެނގިގެންދާނެ. ނުވަތަ އެމީހާ ކައުންސިލަށް ހާޒިރުކޮށް އޭނާގެ ފިންގަރ ޕްރިންޓް ނެގުމުން ވެސް މިދެންނެވި މައުލޫމާތު އެނގިގެންދާނެ، ހަމައެއާއެކު ފުލުހުން ރަށްރަށުގައި މަސައްކަތްކުރާއިރުގައި ފުލުހުން ވެސް ފޯނުން ފޮޓޯ އެއް ނަގާލުމުން އެމީހާ އައިޑެންޓިފައި ކުރެވިގެންދާނެ." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ އޭރުން ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ފުރަތަމަ ބައި ނިމުނީ ކަމަށެެވެ. އަދި ސައްތައިންސައްތަ، މީހުން ދެނެގަތުމަށް ކަނޑައަޅާފައި ވަނީ އެއް އަހަރު ކަމަށް އިހުސާން ވިދާޅުވިއެވެ. ޖެހިގެން އަންނަ ދެވަނަ އަހަރާއި ތިން ވަނަ އަހަރަކީ މިގޮތަށް ދެނެގަނެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެންނަން މަސައްކަތް ކުރާނެ ދެއަހަރު ކަމަށް އިހުސާން ވިދާޅުވިއެވެ.

"ރައީސްގެ އިރުޝާދާ އެެއްކޮށް އަޅުގަނޑުމެން މަސައްކަތްކުރަނީ ތިންއަހަރުގެ ތެރޭގައި ރާއްޖޭގައި މިއޮތް ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް އެއްކޮށް ދާއިމީ ހައްލެއް ގެންނަން،" އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހެވެ. މި ޕްރޮގްރާމް ފެށީ ކ. ހިންމަފުށީގައެވެ. މި ޕްރޮގްރާމް ކ. މާފުށީގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެެވެ.

އޮޕަރޭޝަން ކުރަނގި ފޭސް-2 އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި އޮޕަރޭޝަން ފުޅާ ކޮށްފައި ވަނީ ކައުންސިލްތަކުގެ އެހީގައި ބިދޭސީންގެ މައުލޫމާތުތައް ނަގާ ގޮތަށް ކަމަށް ދާޚިލީ ވުޒާރާ އިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން