ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގައި އިސްރާއިލުން ގެންގުޅޭ ވަޒަންވެރިވުމުގެ ސިޔާސަތުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން ޚިލާފުކަމެއްގެ ގޮތުގައި ނިންމައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ނެރުނު އެޑްވައިޒަރީ އޮޕީނިއަނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގައި އިސްރާއިލުން ގެންގުޅޭ ވަޒަންވެރިވުމުގެ ސިޔާސަތުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ މުޅިން ޚިލާފުކަމެއްގެ ގޮތުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން މިއަދު ވަނީ ކަނޑައަޅާފައެވެ. ދުނިޔޭގެ ކޯޓުގެ ނިންމުމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގަދަބާރުން އިސްރާއިލުން ފަލަސްތީނުން ހިފައިފައިވާ ސަރަހައްދުތަކުގައި ތިބި ތިބުން ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ ކަމެއްގެ ގޮތުގައި ބަލައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއްގެ ހައްގު ލިބިގެންވާކަން އަންގައިދޭ ކަމެއް ކަމަށެވެ.





ރައީސްގެ މެސެޖްގައި ގަދަބާރުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއިލުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުން ވަގުތުން ވަގުތަށް ހުއްޓައިލަން ވަނީ ގޮވައިލައްވާފައެވެ. އަދި ނުހައްގުން ގަދަބާރުން ވެރިވެގަތުމުގެ ތެރޭގައި ލިބިފައިވާ ގެއްލުންތަކުގެ ބަދަލުދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. ރައީސްގެ މެސެޖްގައި އިތުރަށް ވިދާޅުވީ ދުނިޔޭގެ ކޯޓުގެ އެ ލަފައާއެކު ރާއްޖެއިން އަދިވެސް ދެމި އޮންނާނީ ފަލަސްތީނަށް 1967ގެ ކުރިން އޮތް ބޯޑަރާ އެއްގޮތަށް، މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅައިދޭނެކަމުގެ އުންމީދުގައި ކަމަށެވެ.

ފަލަސްތީނުގެ ސަރަހައްދުގައި އިސްރާއިލުން ހަރަކާތްތެރިވަމުން އަންނަ އައުމަކީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލެއްގެ ގޮތުގައި ލަފާ ދޭން ފެންނަކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނިންމީ މިއަދުއެވެ. އެގޮތަށް ނިންމީ އައިސީޖޭގެ 15 ފަނޑިޔާރުންގެ ތެރެއިން 11 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ 11 ފަނޑިޔާރުންވަނީ އިސްރާއީލުގެ އެ އަމަލުތައް މިހާރުން މިހާރަށް ހުއްޓައިލަން ޖެހޭ ކަމަށް ލަފާ ދޭން ފެންނަ ކަމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން