އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުން ފެންނަ ހިސާބުގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެންމެ ބޮޑު އަޒުމަކަށް ހަދަންވީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ.

އެގޮތުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ނުގުޑާފަދަ އަޒުމެއްގައި ދެމިތިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެގޮތަށް މަސައްކަތްކުރެވިއްޖެނަމަ ރައްޔިތުންނަށްޓަކައި އެކޮށްދެވެނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

"ކުރިއަށް އޮތްތާގައި ގިނަ ޚިދުމަތްތަކެއް މިހާރަށްވުރެ ވެސް ބޮޑަށް ލާމަރުކަޒު ކުރެވިގެންދާނެ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގައި ކުރެވެން ހުރި ހުރިހާ ކަމެެއް އިރާދަކުރެއްވިއްޔާ އެންމެ ފުޅާ މިނެއްގައި އަޅުގަނޑުމެން ބައްޓަންކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބުތައް ކުރިމަތިިވުމުން ދާން އޮތީ ރައްޔިތުން ގާތަށް ކަމަށެވެ. އަދި ރައްޔިތުން ގާތަށް ދާއިރު ރައްޔިތުން ހަވާލުކުރި ކަންތައްތައް ކޮށްދެވިއްޖެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރެވޭނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނާއި ގާތުން މަސައްކަތްކޮށްގެން ކަމަށެވެ.

"ރައްޔިތުންގެ ގާތުން ކޮންމެ ދުވަހަކު މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ، އެއީ ކައުންސިލަރުން ކަމަށް ވިޔަސް މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ކަމަށް ވިޔަސް. ކޮންމެ މީހަކީ އިންތިހާބުކޮށްފައި ހުރި މީހެއް ކަމަށްވާނަމަ ރައްޔިތުންނާއި ގާތުގައި އަބަދުވެސް ހުންނަންޖެހޭ، ފެންނަ ހިސާބުގައި މަސައްކަތްކުރަންޖެހޭ، އެގޮތަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަަޒުމަކަށް ހެދުމަކީ އަޅުގަނޑު އެދޭގޮތް،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކައުންސިލުތައް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. ސަބަބަކީ އެއީ ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވުމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެ ތަންތަނަށް ބާރުވެރިކަން ލިބެންޖެހޭތީކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ކައުންސިލުތައް ބާރުވެރިކުރުމަށް ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ ބައެއް ކައުންސިލަށް ލިބޭ ގޮތަށް ގާނޫނަށް ވަރަށް އަވަހަށް އިސްލާހު ގެންނާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން