ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ނުވަތަ ވިދާގުގުރުމުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ނިޒާމް ގާއިމު ކުރަނީ ޗައިނީސް އެކަޑެމީ އޮފް ސައިންސްގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީސް ގުޅިގެންނެވެ.

މި މަސައްކަތުގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް (ވީއައިއޭ) ގައާއި ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައެވެ. ރާއްޖޭގެ މި ނިޒާމު، ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެން ވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްވެސް އަދި ފަހުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތައް ކަމަށް މެޓް އޮފީހުން ބުނާއިރު ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި ފުރާނަޔަށް ބޮޑެތި ގެއްލުންލިބިފައި ވާކަމަށް އެ އޮފީހުން ބުނެއެވެ. އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޭގެ އަސަރު ކުރާ ކަމަށް އެ އޮފީހުން ބުނެއެވެ.

ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ޤާއިމުކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެއެވެ. އަދި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު އަދި ފޯކާސްޓް ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން