މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ "މޮޑާރން ޕޯޓް މެނޭޖްމަންޓް" ކޯސް މިއަދު ފަށައިފިއެވެ.

މި ކޯހުގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ވަނީ ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް އަދި ޑެޕިއުޓީ ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ޗީފް ކޯޕަރޭޓް އޮފިސަރ އައިޝަތު ޝިމްލާ ވިދާޅުވީ މި ކޯހަކީ މެރިޓައިމް ޕޯޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް މުހިންމު ކޯހެއް ކަމަށެވެ. އަދި ތަޢުލީމާއި ތަމްރީނު ހާސިލްކުރުމުގައި އެމް.ޕީ.އެލްގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން، ކުރިއެރުން ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަންވެސް އޮންނަންވާނީ ރަނގަޅު ގޮތުގައި. އަދި އަޅުގަނޑުމެން ޝާމިލްވާން އެންމެ ރަނގަޅު ވާދަވެރިކަމަކީ ޢިލްމު ހާސިލްކުރުމަށް. އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ މި ތަމްރީނުގައި ތިޔަ ބައިވެރިން ތި ތިބީ އެކަންޏެއް ނޫންކަން. އަޅުގަނޑުމެންވެސް މިތިބީ ތިޔަ ހުރިހާ ބައިވެރިންނާއެކު. ހަމައެކަނި އެއް ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެއް ނޫން. އެކަމަކު ގުޅިގެން، އުނގެނި ކުރިއެރުން ހޯދާ އާއިލާއެއްގެ ގޮތުގައި،" ޝިމްލާ ވިދާޅުވިއެވެ.

މިއީ އެމް.ޕީ.އެލް އާއި އަންކްޓަޑް ގުޅިގެން މި ކޯސް ރާއްޖޭގައި ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ. މި ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ބްލޮކް މޯޑަށް ކުރިއަށް ގެންދާ މި ކޯހުގައި މި އަހަރު ޖުމްލަ 20 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން އެމް.އެސް.އެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ހިމެނެއެވެ.

މި ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރ ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރ ޖޯ ހައިނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން