ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރާ ފަހުމުނާމާގައި ސޮއި ކުރަނީ.
ގދ. ތިނަދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރާ ފަހުމުނާމާގައި ސޮއި ކުރަނީ.
ގދ. ތިނަދޫ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ގދ. ތިނަދޫގައި ޤާއިމުކުރެވިފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤު އިބްރާހީމެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ ސަޢުދު ޢަލީއެވެ.

ފެން ހިންދާ ނިޒާމެއް ތިނަދޫގައި ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ސަރުކާރުން ކުރިއަށް ގެންދެވުނު މުހިއްމު މަޝްރޫޢެއްކަން މިނިސްޓަރ ޠާރިޤު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވެފައިވަނީ ގދ. ތިނަދޫ އަކީ ޒަމާނުންސުރެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަމާއި، މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ އާންމުންނާއި، ސްކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އަދި އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތަށް ޗަކަވެ މީހުންނާއި ދުއްވާ އުޅަދުތަކަށް އެތަށް އުނދަގުލެއް ދިމާވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި މަޝްރޫޢުން އާއްމުންނަށް ލިބިގެންދާނެ ފަސޭހަކަތަކަށް އަލިއަޅުވާލައްވާފައެވެ.

ގދ. ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. އަދި މި ޕްރޮޖެކްޓްގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑް އިންނެވެ.

މި ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 48،333،211.77 (ސާޅީސްއަށް މިލިއަން ތިންސަތޭކަ ތިރީސް ތިންހާސް ދުއިސައްތަ އެގާރަ ރުފިޔާ ހަތްދިހަ ހަތް ލާރި) ރުފިޔާއެވެ.

ގދ.ތިނަދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 5،262.81 މީޓަރުގެ އަކުއަ ސެލް ނެޓްވޯކް އަކާއި 9،562.36 މީޓަރުގެ އެޗްޑީޕީއީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން