ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފިއެވެ.

އެގޮތުން ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދައުލަތަށް ދިގު މުއްދަތަށް ހިދުމަތް ކުރެއްވި 138 ބޭފުޅުންގެ ތެރޭގައި ރައީސް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނަކީ 43 އަހަރަށްވުރެ ދިގު މުއްދަތަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މި ބޭފުޅުންނަށް އިނާމު ދެއްވުމަށް ވަނީ ހަމަޖެހިފައިފައެވެ. އެގޮތުން ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި މިކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން