ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދެމުންގެންދާކަމަށް އެނގިފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ދުވާރުމަތީގައާއި ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރަމުންދާތީ އާންމުންނަށް އުނދަގޫތަކާއި ކުރިމަތިވެ އެކަމުގެ ޝަކުވާތައް އެ ކޯޕަރޭޝަނަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ހިނގާބިނގާވެ އުޅޭ ބައެއް ފަރާތްތަކަށް ދަތިވާގޮތަށް ދުވާރު ބޭނުން ކުރުމާއި ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އާންމުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މީގެއިތުރުން ސްކޫލްތައް ހުންނަ ސަރަހައްދުގައި އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތް ކުރާކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުންވެސް ލިބިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އާންމުންނަށް ދަތިވާގޮތަށް ދުވާރު މަތީގައި އަދި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ފަދަ ތަކެތި ނެގުމަށް އެޗްޑީސީން އެދިފައިވާއިރު އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން