ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން އެގައުމުގެ ފުލުހުން ނިކުމެ ފޯރިމަރަނީ.
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން އެގައުމުގެ ފުލުހުން ނިކުމެ ފޯރިމަރަނީ.
ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން، މިވަގުތު ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލުބަލަމުންކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވެއެވެ. މިދަރިވަރުންނާއެކު، ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނާ ހަވާލަދީ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ވަނީ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފައިވާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް އެމިނިސްޓްރީއިން ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުންދާކަމަށެވެ.

އެގޮތުން، ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ފޮރިން މިނިސްޓްރީއިން ތަކުރާރުކޮށް އިލްތިމާސް ކޮށްފައިވެއެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ (ގުޅޭނެ ނަންބަރު: +880 1329 748 885 ނުވަތަ +880 1708 120 318 އަށް) ގުޅުއްވުމަަށް ފޮރިން މިނިސްޓްރީން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން