ޑިޕްރެޝަން އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ބައްޔެއް- ގޫގުލް ފޮޓޯސް
ޑިޕްރެޝަން އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ބައްޔެއް- ގޫގުލް ފޮޓޯސް
ޑިޕްރެޝަން އަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތަހައްމަލު ކުރަމުން އަންނަ ބައްޔެކެވެ. މިއީ ފަރުވާ ބޭނުންވާ އަދި މިކަމަށް ފަރުވާ ނުދެވިއްޖެނަމަ މުޅި އުމުރު ދުވަހު ދެމިގެންދާ ބައްޔެއްވެސް މެއެވެ.

މުޅި ދުނިޔޭގައިވެސް ނިސްބަތު ބަލާއިރު، ޑިޕްރެޝަން ބައްޔަށް ހުށަހެޅޭ ފިރިހެނުންނަށް ވުރެ ގިނައީ އަންހެނުންނެވެ. ޑިޕްރެޝަން އަކީ އޭގެ ސަބަބުން އެކަން ތަހައްމަލު ކުރާ މީހާ ތަފާތު އެކި ބަލިތަކަށް ހުށަހެޅުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން ޑިޕްރެޝަން ތަހައްމަލު ކުރާ ފަރާތްތަކަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ދިރާސާ ތަކުން ދައްކައެވެ. އަދި ހަމަ އެހެންމެ ފިރިހެނުންނަށްވުރެ ބޮޑަށް ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ އަންހެންވެރިންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ޖަރނަލް އޮފް ދަ އެމެރިކަން ކޮލެޖް އޮފް ކަރޑިއޮލޮޖީ (ޖޭއޭސީސީ) އޭޝިއާގައި ހިއްސާ ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވެއެވެ.

ހިތުގެ ބަލިތަކުގެ ތެރޭގައި ހާޓް އެޓޭކާއި، ސްޓުރޯކްއާއި، ހިތް ފެއިލުވުމުގެ އިތުރުން އާރޓްރިއަލް ފިބްރިލޭޝަން ހިމެނެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި މިފަދަ ހިތުގެ ބަލިތައް އަންހެނުންނަށް ޖެހުމުގެ ފުރުސަތު ބޮޑެވެ. މިހެން މިކަން މެދުވެރިވަނީ ޑިޕްރެޝަން ތަހައްމަލު ކުރާ އަންހެނުން ނިސްބަތުން ގިނަ ވުމުން ކަމަށްވެސް ބައެއް ދިރާސާތަކުން ދައްކައެވެ.

އަންހެނުންނަށް ޑިޕްރެޝަންއަށް ދިއުމަށް ފުރުސަތު ބޮޑުވަނީ ކީއްވެ؟

ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ޑިޕްރެޝަން ޖެހުމަށް މެދުވެރިވާ ސަބަބު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޑިޕްރެޝަންގެ ސަބަބުން އަންހެނުންނަށް މާ ބޮޑެތި އަދި ދިގުދެމިގެންދާ އަލާމާތްތައް ފެނިދާނެ އެވެ. އަދި މީގެ އިތުރުން މާބަނޑު ދުވަސްވަރާއި މެނޮޕޯސް އާއި ގުޅިގެން ވެސް އަންހެނުންނަށް ސިއްހީ ގޮތުން އިތުރު ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށްވެސް ދިރާސާކުރާ، ކަމުގެ ތަޖުޔިރިބާކާރުން ބުނެއެވެ. އަދި މީގެ އިތުރުން އަންހެނުންނަށް މެޓަބޮލިކް ސިންޑްރޯމް ބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑުކަމަށް އެފަރާތްތަކުން ބުނެއެވެ.

އެހެންކަމުން އަންހެނުންނަށް ޑިޕްރެޝަންއާއި، ހާސްކަމާއި، އަދި މާ ބޮޑަށް ސްޓްރެސް ފަދަ ނަފްސާނީ އެތައް މައްސަލަތައް ފަސޭހައިން ކުރިމަތިވެދާނެ އެވެ. އަދި ހަމަ އެހެންމެ އޭގެ ސަބަބުން ހިތުގެ ތަފާތު ބަލިތަކަށް ޖެހުމަށް މެދުވެރިވެއެވެ.

އަންހެނުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވަނީ ކީއްވެ؟

ގިނަ ފަހަރަށް މުޖުތަމައުގައި (އަދި ފިލްމުތަކުގައި) ވެސް އަންހެނުންނަށް ވުރެ ފިރިހެނުންނަށް ގިނައިން ހާޓް އެޓޭކް ޖެހޭތަން ފެންނަ އިރު، މި ނުރައްކާ ދެޖިންސަށް ވެސް އޮތީ އެއްވަރަކަށެވެ. ނަމަވެސް ތަފާތަކީ ހިތުގެ ބަލިތައް ޖެހިގެން ފަރުވާ ހޯދާ އަންހެނުންނަށް އެ ބަލިން ފަސޭހަވުމުގެ ފުރުސަތު ކުޑަވުމެވެ.

މެޑިކަލް ނިއުސް ޓުޑޭއަށް ސެންޓްރަލް ރީޖަން ނޯތުވެލް ހެލްތުގެ ކާޑިއޮލޮޖިސްޓެއް އަދި ވިމެންސް ހާޓް ހެލްތުގެ ޑިރެކްޓަރު ކަމަށްވާ ޑރ. އިވްލީނާ ގްރޭއިވާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެންމެ ގިނަ އަންހެނުން މަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ހިތުގެ ބަލިތައް ޖެހުން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އުރަމަތީ ކެންސަރާއި، ބޮޑު ގޮހޮރުގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރު ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އެއްކޮށްލިޔަސް ހިތުގެ ބަލި ޖެހިގެން މަރުވާ ހޯދާ މީހުންގެ އަދަދާ ގާތްވެސް ނުކުރާނެ ކަމަށެވެ.

މިހެން މިގޮތަށް މެދުވެރިވާ ސަބަބަކީ އަންހެނުންނަށް ހިތުގެ ބަލީގެ ސަބަބުން ކުރިމަތިވާ އަލާމަތްތަކަކީ އާންމު ގޮތެއްގައި ހިތުގެ ބަލި ހުންނަ މީހު ގެ ފަރާތުން ފެންނަ އަލާމާތްތަކަށް ނުވާތީ ކަމަށްވެސް ޑރ. އިވްލީނާ ވަނީ ބުނެފައެވެ. އެގޮތުން ހިތުގެ ބަލިތައް ތަހައްމަލު ކުރާ އަންހެނުންގެ ފަރާތުން ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި މެއަށް ބާރުވުމާއި، ނޭވާ ކުރުވުމާއި، ވަރުބަލި ވުމުގެ އިތުރުން ބަނޑަށް އުނދަގޫތަކެއް ވުން ހިމެނޭ ކަމަށްވެސް ޑރ. ވަނީ ބުނެފައެވެ.

ހިތުގެ ބަލިތައް ޖެހުމުން އަންހެނުންނަށް ކުރިމަތިވާ އަލާމާތްތައް ތަފާތު ވުމުގެ ސަބަބުން އެ ބަލިތަކަށް ފަރުވާ ނުލިބި ގިނަ ދުވަސް ވުމަކީ އެކަށީގެންވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ އަލާމާތްތަކުގެ ސަބަބުން ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް އަންހެނުން ރިފާ ކުރުމުގެ ބަދަލުގައި ބީޓާ ބްލޮކާތަކާއި، ކޮލެސްޓްރޯލް ބަލީގެ ފަރުވާއަށް ދޭ ބޭސްތައް ދީފައި ގިނަފަހަރަށް ގެއަށް ފޮނުވާލަނީއެވެ.



ޑިޕްރެޝަން އާއި ހިތުގެ ބަލިތަކާ ހުރި ގުޅުމަކީ ކޮބާ؟

ޑިޕްރެޝަން އާއި ހިތުގެ ބަލިތަކާ ގުޅުވައިދޭ ދެ ކަމެއް ވެއެވެ. އެއީ އިންފްލެމޭޝަން (ދުޅަވުން) އާއި ހޯމޯންއަށް އަންނަ ބަދަލުތަކެވެ.

ޑިޕްރެޝަން އާއި އެންޒައިޓީ އަކީ އޭގެ ސަބަބުން މީހާ ސްޓްރެސް ބޮޑުވެ ކަންކަމާ ވިސްނުމަށް މަގުފަހި ކުރުވާ ކަންކަމެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި އެކި ތަންތަން ދުޅަވެ، ކޯރޓިސޮލް ލެވެލްތައް މަތިވެ، އޭގެ ސަބަބުން ހިތާއި ނާރުގެ ނިޒާމާ ގުޅުން ހުރި މަސައްކަތްތަކަށް ބުރޫ އެރުމަށް މަގުފަހިވެގެންދެއެވެ.

މީގެ އިތުރުން ދިގުދެމިގެންދާ ސްޓްރެސް އާއި ޑިޕްރެޝަން އަދި ހާސްކަމުގެ ސަބަބުން ހަށިގަނޑު ދުޅަވެ އޭގެ ސަބަބުން ލޭހޮޅިތައް ހަރުވެ، ލޭހޮޅިތަކުގައި ޕްލޭގް ޖަމާވުމަށް މަގުފަހިވެއެވެ. ކާޑިއޯ ވަސްކިއުލާ ސިސްޓަމަކީ ހަމަ އެކަނި ހިތައް ދިމާވާ ކަންކަމެއް ނޫނެވެ. އެއީ ވަރަށްވެސް ފުޅާ ނިޒާމެކެވެ. އެގޮތުން ކާޑިއޯ ވަސްކިއުލާ ނިޒާމުގައި ހިތުގެ އިތުރުން ހަށިގަނޑުގައި ވާހާ ނާރުތަކެއްވެސް އެކުލެވެއެވެ. ވީމާ މިއިން ކޮންމެ ނާރަކަށް ދިމާވާ މައްސަލައެއްގެ ސަބަބުންވެސް ހިތުގެ ބަލި ޖެހުމަށް މަގުފަހިވެދާނެއެވެ.

އަންހެނުންގެ މައްސަރު ކަންތައް ހުއްޓޭ ދުވަސްވަރު (މެނޮޕޯޒް) ދުވަސްވަރަކީ އެމީހުންގެ ހޯމޯންތަކަށް ތަފާތު އެކި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ބަދަލު ތަކުގެ ސަބަބުން އަންހެން ވެރިންގެ ނަފްސާނީ ސިއްހަތަށް އެކިކަހަލަ ނޭދެވޭ އަސަރުތައް ކޮށް، އޭގެ ސަބަބުން ކުރިން ބުނެވުނު ފަދައިން ހަށިގަނޑު ދުޅަވެ، އެކި މައްސަލަތައް ދިމާވެ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ވެގެން ދެއެވެ.

ޑިޕްރެޝަން އަށް އޮތް ފަރުވާއަކީ ކޮބާ؟

ޑިޕްރެޝަން އާއި ހިތުގެ ބަލިތަކާ ބޮޑު ގުޅުމެއް ވާއިރު، ކޮންމެ މީހަކުވެސް ޑިޕްރެޝަން އިން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ކަސްރަތު ކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، އިތުބާރު ކުރެވޭ މީހަކާ އިހުސާސްތައް ހިއްސާކުރުމުގެ އިތުރުން ނަފްސާނީ ބަލީގެ މާހިރަކާ ވާހަކަ ދައްކައި ބައްޔަށް ފަރުވާ ހޯދުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން