ހައްގު ގޮތުގައި ރިޒުގު ހޯދަން މަސައްކަތް ކުރާ މީހާއަކީ ﷲގެ މަގުގައި ޖިހާދުކުރާފަދަ މީހެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެެއް ކަމަށާއި ﷲގެ ހަޒްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވާ ކަމަށެވެ.

މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނެކަން ފާހަގަކޮށް މީހުންގެ ލޯތްބާއި އިޙްތިރާމު ލިބޭނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.

މިއަދުގެ ހުތުބާގައި ބުނީ މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި އަދި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށެވެ.

ހަމަ އެހެންމެ ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންކަމަށް ވެސް ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާއިރު، އެ އެއްޗެއްގެ ރިޒުގު ކަނޑައަޅުއްވާ ކަމަށެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިގުތިސާދު ކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ،

"ރިޒުގު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރާން ޖެހޭނެއެވެ. ހައްގު ގޮތުގައި ރިޒުގު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދައެވެ. އޭނާއަށް ﷲ ރިޒުޤު ތަނަވަސްކޮށް ދެއްވާނެއެވެ. ޢީސާގެފާނާއިގެން ރައްކައުވެވަޑައިގަތުމުގެ ވޭންވަރު އައި ނާޒުކު ދަނޑިވަޅުގައި ވެސް، މާތް ﷲ މަރްޔަމްގެފާނަށް އަމުރުކުރެއްވީ ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލެއްވުމަށެވެ. ރުކުގައި ހުރި ކަދުރު ބިންނެވުމަށް ޓަކައި މަސައްކަތް ކުރެއްވުމަށެވެ." ހުތުބާގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން