ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިނިވަން ދުވަހުގެ ތަހްނިޔާ ޅެންބަހުރުވައިން ދިވެހި ރައްޔިތުންނަށް މިއަދު ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސް ޢަބުދުއްރަޙީމް ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރެއްވެވި ޅެމެއްގައި ވިދާޅުވީ މިދިޔަ އަހަރު މިނިވަން ދުވަސް ބައްދަލުކުރީ ރޮއި ގިސްލަމުން ކަމަށާއި ނަމަވެސް މިއަދު މިނިވަން ދުވަހަށް މަރުހަބާ މިކިޔަނީ ހިނިތުންވަމުން ކަމަށެވެ. އޭރު އޮތް ބިރުވެރިކަމާއި ނާމާންކަމާއި ހިތްދަތިކަން ބޭރުކޮށްލީ ހިކުމަތާއިއެކު ގައުމީ ރޫހު ދިރުވައިގެން ކަމަށް ޢަބުދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް، ވިދާޅުވީ ގެއްލެމުން ނެތެމުން ދިޔަ ގައުމިއްޔަތާއި ހުއްރިއްޔަތު އެއްވެސް ހެއްލުމެއްގައި ބަނދެވުމެއްނެތި މިހާރު ހޯދައި ދެމުންދާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ ވިސްނާ ފިކުރު ކޮށްލުމުން ފެންނަނީ އަމާންކަމާއި ސުލްހަ ގައުމަށް ގެންނަމުންދާ މަންޒަރުކަމަށެެވެ. ޢަބުދުއްރަޙީމް އިތުރަށް ވިދާޅުވީ އާދަޔާއި ހިލާފު ވަރުގަދަ އަޒުމުގައި ގަދަ ހިތްވަރުން މާދަމާ މާ ރީތިކޮށް ކުރަހާ ކުލަ ޖައްސަމުން އެބަގެންދެވޭ ކަމަށެވެ.

ޅެން ނިންމާލުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޖޯޝްގައި ހުއްބުލްވަޠަން އިސްކޮށް ރައްޔިތުން ހޯދި ނަޞްރާއި ކާމިޔާބުގެ އަސަރު މިހާރު ފެންނަމުން އެބަދާ ކަމަށެވެ. އަދި ދިވެހި ދިދަޔަށް ހުރުމަތާއިއެކު އިއްޒަތާއި ގަދަރު ދެމުން ދިވެހި ދިދަ މިއަދު އެދަނީ ރީތިކޮށް މިނިވަން ވަޔާއެކު ވިހުރެމުން ކަމަށް ޢަބުދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން