ރައްޔިތުންގެ މެދުގައި ނަފުރަތާއި ރުޅިވެރިން އުފެއްދުން ހުއްޓާލަން ސިޔާސީ ޕާޓީތަަކަށް އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު ގޮވާލައްވައިފިއެވެެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި "ރާއްޖެ ޓީވީ" އިން ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބުދު ﷲ ޝާހިދު ވިދާޅުވީ މިނިވަން ދުވަހު ކުރަންވީ ކަމަކީ ނަފްރަތު އުފެއްދުމާއި މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލުން ކަމަށެވެ. އެގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން ކުރުން ހުއްޓާލަން ޝާހިދު ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކީ މިނިވަންކަމާއި ވެސް އިދިކޮޅަށް ތިބިބައެއް. ގައުމާއި ވެސް އިދިކޮޅަށް ތިބި ބައެއް. އެމީހުންނަކީ ޣައްދާރުން. އެމީހުންނަކީ ބާޣީންކަމަށް ހަދާ ލޭބަލް ކޮށްގެން. އެއެއް ނޫން، ވަކި ޕާޓީއެއްގެ ފިކުރަކީ މިނިވަންކަން ނަގާލުން، މިލޭބަލް ކުރުން ހުއްޓާލަންވީ. ނަފުރަތު އުފެއްދުން ހުއްޓާލަންވީ. މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލަންވީ. މިނިވަން ދުވަހު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލަން އެކަން ހުއްޓާލައްވާށޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިނިވަންކަމަކީ ބައިބައިވެގެން ހިފެހެއްޓޭނެ އެއްޗެއް ނޫންކަމަށެވެ. ގައުމުގެ މިނިވަންކަމަކީ އެންމެން އެކަތިގަނޑަކަށް ވެގެން ހިފެހެއްޓޭނެ އެއްޗެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ފިތުނަ އުފައްދައި ރައްޔިތުން ބައިބައިކުރުމަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އެއީ ރާއްޖޭގެ މިނިވަންކަމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އެންމެންގެ މަގްސަދަކީ އިސްލާމް ދީން ޙިމާޔަތްކޮށް، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަން އެއީ އެންމެންނަށް އެއްބަސްވެވެން ޖެހޭ ކަންކަން ކަމަށެވެ. އަދި މި ފިކުރުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށާއި އެވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއް ވެސް ނެތްކަމަށް ވިދާޅުވި އެވެ. އަދި ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަންދުވަހު އެކަމާ ދެކޮޅު ހަދަން ޖެހޭ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން