ކުރިއަށް އޮތް ޖީލުތަކުގެ މުސްތަޤުބަލަށްޓަކައި، މި ޤައުމުގެ އިޤްތިޞާދީ ސިޔާދަތީ މިނިވަންކަން ޔަޤީންކުރުމަށް، އުދަރެހުގެ އެންމެ ކޮޅަށް ބެލުމަށް ނުވަތަ ދުރުވިސްނޭ ސިޔާސަތުތައް ގެންގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރަށްވައިފިއެވެ.

ރައީސް މުޢިއްޒު މިކަމަށް މި އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ޤައުމުގެ އިޤްތިޞާދު ޑައިވަރސިފައިކުރުމަށް ނުވަތަ ސިންދަފާތުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެކި ދާއިރާއިން އިޤްތިޞާދު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގ ސަރވިސް އަމަލީގޮތުން މިއަންނަ މަހު ފެށޭނެކަމަށެވެ. އަދި މި ޚިދުމަތް ފެށޭތާ ފުރަތަމަ 12 މަސް (1 އަހަރު) ގެ ތެރޭގައި ޖީ.ޑީ.ޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގެ ދަރަނި ކުޑަކުރެވި، ދައުލަތަށް އާމްދަނީ އިތުރުވެ، އިތުރު ވަޒީފާތައްވެސް އުފެދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވަނީ ދަނޑުވެރިކަން ފުޅާކޮށް ރާއްޖޭގައި ހެއްދޭ ތަކެތި އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވައިފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ޤާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަމަށެވެ. އެ މަޝްރޫޢުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާލެ ސަރަޙައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓުކަމުގައި ފާހަގަކުރައްވައި، ސޯލާ ސިޓީއެއް ޤާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަން ރައީސް ފާހަަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން