މާލޭގައި މީހަކު ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ އެކައުންޓުން 45000 ރުފިޔާ ފޭރިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން އެމީހާގެ ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓުގައިވާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓު ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 26 އަދި 35 އަހަރުގެ ދެ ދިވެހި ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވާކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެކަކު 30 ދުވަހަށް އަދި ދެވަނަ މީހާ 60 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އެ ދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މއ. މަސްފަންގެ ކައިރީގައި ހުރި މީހަކަށް ގޮވައި އެމީހާ މަސްފަންގެ އަށް ވެއްދި ކަމަށް ބެލެވެނީ އަންހެނަކު ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތް މަސްފަންގެ އަށް ވަނުމުން އިތުރު ދެމީހުން އަނިޔާ ލިބުނު ފަރާތް ބަންދުކޮށްގެން އޭނާ އަށް ވަޅިން ބިރު ދައްކައި އޮރިޔާންކޮށް އަނިޔާކޮށްގެން އޭނާގެ ފޯނު އަތުލާފައިވާ ކަމަށާއި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20000 ރުފިޔާ ޓްރާންސްފަރ ކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ. އަދި އަނިޔާ ލިބުުނު ފަރާތުގެ ކޭޝް ކާޑު ބޭނުންކޮށްގެން 25000 ރުފިޔާ އޭޓީއެމުން ނަގާފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ މިމައްސަލައިގެ ތުހުމަތުކުރެވޭ ފަރާތްތަކުން މަސްފަންގެ ކައިރީގައި ހަރާކާތްތެރިވާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި މައްސަލަ ހުށައަޅާ ފަރާތުން ދީފައިވާ ބަޔާނުގައި އެ ފަރާތްތަކުގެ ފޮޓޯ ފާހަގަކޮށްފައިވާ ކަމަށެވެ. އަމުރުގައި ބުނީ މަސްފަންގެއަކީ ތަކުރާރުކޮށް މީހުން އެކި ބޭނުންތަކަށް ގެއަށް ވެއްދުމަށްފަހު އެފަރާތްތަކަށް ބިރު ދައްކައި ފޭރުމުގެ ރިކޯޑް އޮތް ތަނެއް ކަމަށެެވެ. މިއަމަލު ހިންގުމުގައި ބައިވެރިވަނީ މަންމަ އަކާއި ދަރިއެއް ކަމަށް އަމުރުގައި ވަނީ ބުނެފައެެވެ.

މިމައްސަލައިގައި އަނިޔާ ލިބިފައިވަނީ ހއ. އިހަވަންދޫ ކައުންސިލަރަކަށެވެ. އޭނާ ވަނީ އެ ހާދިސާ ހިނގި މަސްފަންގެ އަށް ފަހުން ގޮސް އެހާދިސާ ހިނގިގޮތް ކިޔައިދީ ވީޑިއޯ އެއްް ޓިކްޓޮކްގައި އާންމުކޮށްފައެވެ. އޭނާ ބުނީ މަސްފަންގެ އަށް ވަނީ އަންހެނަކު އޭނާ އަށް ގޮވައި ބޮކި ބަދަލުކޮށްލަން ބުނުމުން އެކަން ކޮށްދިނުމަށް ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން