ބޮކި ބަދަލުކުރަން ކަމަށް ބުނެ މާލޭގެ ގެޔަކަށް މީހަކު ވައްދައި 45000 ރުފިޔާ ފޭރުނު މައްސަލައިގައި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދިޔަ އުމުރުން 43 އަހަރުގެ ދިވެހި އަންހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެެއެވެ.

މިދިޔަ ޖުލައި 24 ވަނަ ދުވަހު މާލޭގެ ގެޔަކަށް މީހަކު ވައްދައި ވަޅިން ބިރުދައްކާ އޮރިޔާންކޮށް ފައިސާ ފޭރުނު މައްސަލައެއްގައި މީގެ ކުރިން ދެ ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކުރި 26 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 60 ދުވަސް ދީފައެވެ. އަދި 35 އަހަރުގެ މީހާގެ ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.

މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި އަނިޔާ ލިބުނު މީހާ މއ. މަސްފަންގެއަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށެވެ. މއ. މަސްފަންގެއަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން އެގެއަށް ވެއްދުމަށްފަހު ބިރުދައްކާ ފޭރުމުގެ ރެކޯޑް އޮތް ތަނެއް ކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

މައްސަލައިގައި އަނިޔާލިބުނު މީހާ މއ. މަސްފަންގެއަށް ވަނުމުން އިތުރު ދެ ފިރިހެނުން އޭނާ ހިފަހައްޓާ ބަންދުކޮށް، އޭނާއަށް ވަޅިއަކުން ބިރުދައްކާ، އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ ފޯނުއަތުލައި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000 ރުފިޔާ ފޮނުވާފައިވާ ކަމަށާއި އަދި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000 ރުފިޔާ ނަގާފައިވާ ކަމަށްވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން