ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއުކުރުމަށް ފަހު ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް ލިސްޓު މުރާޖައާކޮށް ނިމޭނެ ކަމަށެވެ. އެގޮތުން 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ނިއްމާލެވޭނެ ކަމަށް ހައިދަރު ވިދާޅުވިއެވެ. ހައިދަރު ވިދާޅުވީ ފުލެޓް ލިސްޓް އާންމުކުރާނީ އެ ފުލެޓް ދޫކުރެވޭނީ ހައްގުވެރިޔާ އަށް ކަން ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

"ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާންކޮށް ފައިނަލް ލިސްޓު ގެޒެޓް ކުރާނަން،" ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރަން ހާޒިރުކުރި މި ބައްދަލުވުމުގައި ހައިދަރު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އާއި 18 ބުރީގެ 32 ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެެވެ. އޭގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެއެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން