އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމުގެ ބިޔަ މަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިއީ ވާލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓުގެދަށުން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުކޮށް، 20 އަހަރުގެ މުއްދަތައް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫޢުގެ ބީލަން ކާމިޔަބުކުރާ ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތައް ވިއްކުމަށް އެއްމެ ކުޑަ ރޭޓެއް ހުށަހަޅާ ކުންފުންޏަކަށެވެ.

10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮކްޓޯބަރ 2024 އެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައެވެ. ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައެވެ.

އަމަލީ މަސައްކަތް ނިމި މި ނިޒާމުތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރު ތެރޭގައެވެ. 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ނިޒާމު ޤާއިމުކުރެވި އެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން ޖުމުލަކޮށް މި ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވެގެން ދާނެއެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެއެވެ.

އެރައިސް މަޝްރޫއިން އައްޑޫ ސީޓިގައި ޤާއިމުކުރާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ގެ އިތުރުން ވޯލްޑް ބޭންކުން ހިންގާ އެސްޕަޔަރ މަޝްރޫއިންވެސް އައްޑޫ ސިޓީގައި 05 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން އެސްޕަޔަރ އަދި އެރައިސް މަޝްރޫޢޫގެ ތެރެއިން 13 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު އައްޑޫ ސިޓީގައި ޤާއިމުވެގެންދާނެއެވެ. މި މަޝްރޫޢުތަކުން ސޯލަރ ހަކަތައިން ކަރަންޓް އުފައްދަން ފެށުމުން ރާއްޖޭގެ ތެލަށްކުރާ ހޭދަ 46.2 މިލިއަން ދިވެހިރުފިޔާ އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.



އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރަތއްގީ ކުރުމަށް ބޭރޫގެ އެހީއާއި އެކު މިނިސްޓްރީން ހިންގާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން