ދަނޑުވެރިކަމަށް ބިން ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ހަތަރު މިނިސްޓަރު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ސިޓީތަކާއި ލޯކަލް ގަވާމަންޓާ ގުޅޭ މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމަކީ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާގެ އިސްނެންގެވުމަކަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ރަމީލާއާއެކު ބައިވެރިވެވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއާއި ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ރަމީލާ ވިދާޅުވީ އއ. ތޮއްޑޫގެ ދަނޑުބިންތައް ދިގު މުއްދަތަކަށް ދިނުމަށް އެ ރަށުގެ ކައުންސިލުން ނިންމި ނިންމުމުގެ ސަބަބުން ތޮއްޑޫ ދަނޑުވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖްތަކާއި ގުޅޭ ކަންބޮޑުވުންތައް ހިއްސާ ކުރެއްވިއެވެ.

އެގޮތުން ތޮއްޑޫ ކައުންސިލުން އަމަލުކުރަމުން ދިޔައީ ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތައްތޯ ނުވަތަ ނޫންތޯ ވެސް ސާފު ވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މައްސަލައިގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ތޮއްޑޫގެ މައްސަލާގައި ކަންކަން ދިމާވި ގޮތް ހޯދާ ބެލުމަށް މިނިސްޓްރީން ފެކްޓް ފައިންޑިން ޓީމެއް އެ ރަށަށް ޒިޔާރަތްކޮށް ރިޕޯރޓެއް ތައްޔާރުކުރި ކަމަށާއި ތޮއްޑޫ ކައުންސިލުން ނިންމުން ނިންމާފައި ވަނީ ރައްޔިތުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. ހަމަ އެހެންމެ އެ މައްސަލައަށް ގޮތެއް ނުނިމި ގިނަދުވަސްވުން އެއީ ކަންބޮޑުވާ ކަމެއްކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ދަނޑުވެރިކަން ކުރާ ރަށްތަކުން ގޯތި ދިނުމުން އެ ރަށްރަށުގެ ދަނޑުވެރިކަން ކުރުމަށް ބިން ނެތުމާއި ގުޅިގެން ދަނޑުވެރިކަން ކުރާ ރަށްރަށަށް އެކަން ކުރުމަށް ފަޅުރަށެއް ދެވިދާނެ ގޮތަކާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

އޭގެ އިތުރުން ދަނޑުވެރިކަން ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާއި އަދި މިހާރު ބައެއް ރަށްރަށަށް ކުރިމަތި ވެފައިވާ މައްސަލަތަކުގެ އިތުރުން ކައުންސިލްތަކުން ލޭންޑް ޔޫސް ޕްލޭން ހެދުމާއި މި ކަންކަމުގައި ލޯކަލް ކޮންސަލްޓޭޝަން އިތުރަށް ހަރުދަނާކުރުމުގެ އިތުރަށް ރަށްތަކުގައި ހާއްސަގޮތެއްގައި އެކޯ ޓުއަރިޒަމް ރައްޔިތުންނަށް ފައިދާ ކުރަނިވިގޮތަކަށް ބޭނުންކުރުމާއި ގުޅޭ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން