މީޑިއާތައް ހިންގުމަށް ސަރުކާރުން ދޭން ނިންމާފައިވާ ފައިސާ ލިބޭނީ ކަނޑައެޅޭ ވަކި ޝަރުތުތަކެއް ހަމަވާ މީޑިއާތަކަށް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޭ މިނިސްޓަރު ވިދާޅުވީ، މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު ތައްޔާރު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށާއި އެގޮތުން، ރާއްޖޭގެ މީޑިއާތަކުގެ އެޑިޓަރުންނާއި ބައްދަލުކޮށް، އުސޫލުގެ ފުރަތަމަ ޑްރާފްޓް ތައްޔާރުކުރި ކަމަށާއި، އޭގެ މައްޗަށް ބިނާކޮށް ކެބިނެޓަށް ކަރުދާހެއް ހުށަހެޅުއްވި ކަމަށެވެ.

އަދި އެ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ރައީސް ލަފާދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެއަށްފަހު، ރާއްޖޭގެ އޮންލައިން މީޑިއާތަކުގައި މަސައްކަތް ކުރާ ސީނިއާ އެޑިޓަރުންނާއި ބައްދަލުކުރެއްވި ކަމަށާއި އަދި ދެވަނަ ބައްދަލުވުމެއް ޖާނަލިސްޓް އެސޯސިއޭޝަނާ އެކު ބޭއްވިއިރު އެއަށްފަހު ރާއްޖޭގެ ޓީވީ ސްޓޭޝަންތައް ހިންގަން ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވާފައިވާނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެންމެންނަށް އެއްބަސްވެވުނު ކަންކަން ހިމަނައިގެން އެ އުސޫލު އެޓާނީ ޖެނަރަލް އޮފީހަށް މިހާރު ވާނީ ފޮނުވާފައިކަމަށެވެ.

"އަޅުގަނޑާއި ރާއްޖޭގެ ހުރިހާ އެޑިޓަރުންނާއި، ޓީވީތަކުގެ ވެރިންނާއި، ޖާނަލިސްޓް އެސޯސިއޭޝަންގެ އިސްބޭފުޅުން އެންމެން އެއްވެގެން ނިންމީ، މީޑިއާއެއް ކަމަށް ބެލެވޭނީ އެސިފަ ޖެހިފައި ހުރި މީޑިއާތަކަށް، ވަކި ވަކި ޝަރުތުތައް ހިމެނޭ ކަމަށްވާނަމަ އެބޭފުޅުންނަށް މިހެން ދެއްވަން ވާނެ. އެގޮތަށް އެއުސޫލު ތައްޔާރުކޮށްފައި އިންނާނީ." މިނިސްޓަރ ވިދާޅުވިއެވެ.

"ކިހާ މުއްދަތެއް ވެއްޖެތޯ، ޕެންޝަނަށް އެބޭފުޅުން ރަޖިސްޓްރީ ކުރޭތޯ، މީރާއަށް ލިޔެކިޔުންތައް ފުރިހަމަ ކުރޭތޯ، މުވައްޒަފުންނަށް މުސާރަދޭތޯ، މުސާރަ ދެނީ ބޭންކް މެދުވެރިކޮށްތޯ، ހިންގާތާ ކިހާ ދުވަހެއް ވެއްޖެތޯ، އެބޭފުޅުންގެ ޕްރޮޑަކްޝަން ލެވަލް ހުރީ ކިހާވަރެއްގަތޯ، އެބޭފުޅުންގެ ސްކޭލް ހުރީ ކިހާވަރެއްގަތޯ، މިހުރިހާ ކަމަކަށް ބަލާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މީޑިއާތަކަށް ފައިސާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާއިރު، މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވަނީ 2025 ވަނަ އަހަރުން ފެށިގެން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދެއްވަން ފައްޓަވާނެކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން