މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ ފިޔަވަޅުތަކާއި ގުޅިގެން އެވިޑް ކޮލެޖުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްކިއުއޭ އިން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެވިޑް ކޮލެޖަށް ފިޔަވަޅު އެޅި މައްސަލައިގައި އެ ކޮލެޖުން ކަންބޮޑުވުން ފާޅުކޮށް ވަނީ ބަޔާނެއް ނެރެފައެވެ.

ރާއްޖޭގެ ގިނަ ދަރިވަރުން އޮންލައިން ކޮށާއި ފޭސްޓު ފޭސްކޮށް މަތީ ތައުލީމު ހާސިލު ކުރަމުންދާ އެވިޑް ކޮލެޖާ މެދު އެމްކިއުއޭ އިން ބުނީ އެ ކޮލެޖުގައި ހިންގަމުން އަންނަ ގިނަ ޕްރޮގްރާމްތަކެއްގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެގޮތުން ކޮލެޖުގައި ކިޔަވައިދެއްވާ ލެކްޗަރަރ އިންނަށް މުސާރަ ނުދިނުމުގެ ޝަކުވާ އާއި، ދަރިވަރުންގެ އިމްތިޚާން ކަރުދާސްތައް ބައެއް ލެކްޗަރަރއިން މާރކް ނުކުރުމުގެ ސަބަބުން ޕްރޮގްރާމްގެ މުއްދަތު އިތުރުވެ، އެ މުއްދަތަށް ދަރިވަރުން އިތުރަށް ފައިސާ ދައްކަން ޖެހިފައިވާކަމަށް ބުނެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.

އެމްކިއުއޭ އިން ބުނީ އެވިޑް ކޮލެޖާ ގުޅޭގޮތުން ހުށައެޅިފައިވާ ޝަކުވާތަކާ ގުޅިގެން އެ އޮތޯރިޓީން އެވިޑް ކޮލެޖްގެ 7 ޕްރޮގްރާމެއްގެ 'ރެންޑަމް ބެޗް އޮޑިޓް' ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ އޮޑިޓްގައި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ ހިލާފަށް ގިނަ ކަންތައްތަކެއް އެ ކޮލެޖުން ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

އެވިޑް ކޮލެޖަށް އެމްކިއުއޭ އިން އެޅި ފިޔަވަޅުތައް:

1- ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ހިލާފަށް އަދި ޕްރޮގްރާމް އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކަންކަން ރަނގަޅު ކުރުމަށް އެންގުން؛

2- އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ދޫނުކުރުން؛

3- އެ ޕްރޮގްރާމެއް ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑާ އެއްގޮތަށް ނޫންކަމާއި، ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށްކަން އާންމުކޮށް އިއުލާނުކުރުން؛

މި ފިޔަވަޅުތަކާއި ގުޅިގެން އެވިޑް ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްކިޔުއޭގެ ތުހުމަތުތަކަކީ ބުހުތާނު ދޮގު ތުހުމަތުތައް ކަމަށާއި އެމްކިއުއޭގެ ފަރާތުން ކުރިއަށް ގެންދިޔަ އެވިޑް ކޮލެޖުގެ ރެންޑަމް ބެޗް އޮޑިޓް އާއި ގުޅޭ އެއްވެސް ލިޔުމެއް ނުވަތަ އިރުޝާދެއް ނުވަތަ އޮޑިޓް ރިޕޯޓެއް ނުވަތަ ރެކޮމެންޑޭޝަނެއްވެސް ފިޔަވަޅު އެޅުމާ ހަމައަށް އެ ކޮލެޖަށް ލިބިފައި ނުވާ ކަމަށެވެ.

އެވިޑް ކޮލެޖުން ބުނީ މި މައްސަލައިގައި އެ ކޮލެޖުން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކޮށް އޮޑިޓް ކުރެވުނު ފަރާތުގެ ހައިސިއްޔަތުން ޖަވާބުދާރީވުމުގެ ފުރުސަތު އެއްވެސް މިންވަރަކަށް ދިނުމެއްނެތި، އަދާލަތުގެ ހަމަތަކާއި ހިލާފަށް އަދި ޑިއު ޕްރޮސެސްގެ އުސޫލުތަކާއި ހިލާފަށް އެއްވެސް އިޖުރާއަތެއް ހިންގުމެއް ނުވަތަ ފުރުސަތެއް އެރުވުމެއް ނެތި އެ ކޮލެޖާއި ގުޅޭ ގޮތުން އެފަދަ ގޮތަކަށް އާއްމު ކުރުމަކީ ކޮލެޖުގެ ހައްގު ނިގުޅައިގަނެވިފައިވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްކިއުއޭގެ ފިޔަވަޅުތަކާއި ގުޅިގެން އެވިޑް ކޮލެޖުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއްވެސް ދަރިވަރެއްގެ އަތުން އިތުރަށް ފީ ނަގާފައި ނުވާނެ ކަމަށާއި ލެކްޗަރާއިންނަށް މުސާރަ ދިނުން ލަސްވެފައިވާނީ، އެބޭފުޅުންގެ ފަރާތުން ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަ ކޮށްފައިނުވާތީ ކަމަށެވެ. އަދި ދަރިވަރު އެންރޯލްކޮށްފައިވާ ތާރީޚާއި، އިންޓޭކް ތާރީހަށް އެމްކިއޭއޭގެ ގަވާއިދުތަކާއި އުސޫލްތަކާއި ހިލާފަށް ބަދަލުގެނެސްފައި ނުވާނެކަން ކޮލެޖުން ފާހަގަކޮށްފައި ވެއެވެ.

ރާއްޖޭގައި ހިންގާ އެހެން ކޮލެޖްތަކާއި މެދުގައިވެސް އެމްކިއުއޭ އިން ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން