ރާއްޖެއަށް އެތެރެކުރާ މަހުން ޑިއުޓީ ބޮޑުކުރުމުގެ ވިސްނުން އެބަހުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ކަނޑުން ނަފާވެރިކަން އިތުރުކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އަދި މެރިކަލްޗާގެ ސިނާއަތެއް ރާއްޖޭގައި އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްުޒުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މި ވަގުތު މަސްވެރިކަމުން އެންމެ ބޮޑު ނަފާއެއް ހޯދަމުން ދަނީ ކަޅުބިލަމާހައި ކަންނެލި މަހުން ކަމަށެވެ.

ނަމަވެސް ރާއްޖެއިން ބާނާ ކަޅުބިލަމަސް އަނެއްކާ ވެސް ޕްރޮސެސް ކުރުމަށް ފަހު ރާއްޖެއަށް އެތެރެކުރާތީ މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ވިދާޅުވީ އެގޮތަށް އެ މަސް އެތެރެކުރަނީ ކުޑަ ޑިއުޓީއެއްގައި ކަމަށާއި ނަަމަވެސް ރާއްޖެއިން މަސް ބޭރުކުރަނީ ބޮޑު ޑިއުޓީގައި ކަމަށެވެ.

"އަޅުގަނޑުމެން ޕޯލް އެންޑް ލައިން ޗެމްޕިއަނުން ގޮތުގައި ވާހަކަ ދައްކާއިރު މިތަނަށް ކަޅުބިލަ މަސް ކުޑަ އަގެއްގައި އެތެރެވުމަކީ މައްސަލައެއް. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި މިތަނަށް އެތެރެވާ މަހުގެ ބާވަތްތަކުގެ ތެރެއިން ހާއްސަކޮށް ކަޅުބިލަ މަހަށް ފެޓް [ބޮޑު] ޑިއުޓީއެއް އެޕްލައި ކުރުމުގެ." ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޑައަގެއްގައި މަސް އެތެރެކުރުމުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެކަމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައިވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން