ޝާން މުހައްމަދު   31 ޖުލައި 2024 - 19:13
ވެރިރަށް މާލޭގެ މަގުމަތީގައި ގިނަވެގެން އުޅޭ ބުޅާތައް ރަޖިސްޓްރީކޮށް ފްލީ ޓްރީޓްމަންޓް ދޭން ފަށައިފިއެވެ.

ފީލައިން ވެލްފެއަރ އޯގަނައިޒޭޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ މި ހަރަކާތް އިއްޔެ ފަށާފައިވާއިރު މި ހަރަކާތް ފުރަތަމަ ފަށާފައި ވަނީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެއް ކަމަށްވާ މޭރީ ބްރައުން ސަރަހައްދުގައެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ މި ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގެންނެވި އިރު މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދީ އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ދިރޭތަކެއްޗާ ބެހޭ ވަޒީރު ވިދާޅުވީ މިވަގުތު ބުޅާތަކަށް ހާއްސަ ކޮށްފައިވާ ބިމުގައި ވަކި ތަންތަން ހަދައި މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބުޅާތަކަށް ހުޅުމާލޭގައި ހަދާފައިވާ ހާއްސަ ބިމަށް ބަދަލުކުރަނީ އެއްފަހަރަކާ ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގައި އުޅޭ ބުޅާތައް ބޭތިއްބުމަށް ސަރުކާރުން ފަރުކޮޅު ފުށީގައި ހާއްސަ ހިޔާވަހިކަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު އެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެތަން ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މިހާރުވެސް ތޮއްޖެހިފައިވާ މާލޭގެ މަގުމަތީގައި އެތައް ސަތޭކަ ބުޅަލެއް އުޅޭއިރު ރައްޔިތުންނަށް މިކަމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް މާލޭގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން