ކަރަންޓު ބިލު ހެދުމުގައި މަކަރު ހަދައިގެން ބިލު ބޮޑު ކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ކަރަންޓު ބިލް ހެދުމުގައި އެކުންފުނިން މަކަރު ނަހަދާނެ ކަމަށެވެ. ފަހުމީ ވިދާޅުވީ ސްޓެލްކޯ ކަރަންޓް ނަގާ ރީޑިން ސިސްޓަމާއި މެދު އިތުބާރު އެބައޮތް ކަމަށާއި އެއިން ބިލް ހެދުމުގައި އެއްވެސް ކަހަަލަ އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ މުވައްސަސާތަކުން އެދުނު ނަމަވެސް އެކުންފުނީގެ ޑޭޓާ ބޭސް ނުދެވޭނެ ކަމަށެވެ. ސަބަބަކީ ގިނަ ބަޔެއްގެ ޒާތީ މައުލޫމާތު އޭގައި ހިމެނޭތީ ކަމަށް ފަހުމީ ވިދާޅުވިއެެވެ. ފަހުމީ ވަނީ ކަރަންޓް ބިލް ބޮޑުވާ މައްސަލަ ބެލުމަށް ރާއްޖޭގެ މުވައްސަސާތަކަށް ދައުވަތު ދީފައެވެ.

"އަޅުގަނޑުމެން މި ދައުވަތު އަރުވަނީ ދައުލަތުގެ ހުރިހާ މުވައްސަސާތަކާއި މިނިވަން މުވައްސަސާތަކަށް ވަޑައިގެން ދެއްވާ އަޅުގަނޑުމެންގެ ސިސްޓަމް ވަރަށް ސާފުކޮށް ދައްކާނަން. ބިލް ކުރާ ގޮތާއި ބިލް ހެދޭގޮތާއި ބިލިން ހިސްޓްރީ އާއި ސިސްޓަމް ހުރިގޮތާއި މިއާ ދޭތެރޭގައި އެއްވެސް ޝައްކެއް ނެތް، އެހެންވީމަ ޔަގީންކުރައްވާ އަޅުގަނޑުމެން ބިލް ހެދުމުގައި އެއްވެސް ކަހަލަ އޮޅުވާލުމެއް އެއްވެސް ކަހަލަ މަކަރާއި ހީލަތެއް އެކަހަލަ ކަމެއް ނެތް. ބިލިން ސިސްޓަމަކީ ރައްޔިތުން އިތުބާރު ކުރާ ސިސްޓަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ފަހުމީ ވިދާޅުވިއެވެ.

މާލޭގެ ހަ ޕަސެންޓް ގޭބިސީތަކާއި ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓު ބިލު މިފަހަރު ބޮޑުވެފައިވާތީ އޮޑިޓެއް ހަދަން ސްޓެލްކޯ އިން ވަނީ ނިންމާފައެވެެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓް ބިލް ބޮޑުވި ސަބަބު ޓެކްނިކަލްކޮށް ބަލާނެ ކަމަށާއި އެގޮތުން ގޭގެއަށް ޒިޔާރަތްކޮށް، ހަކައިތައިގެ އޮޑިޓެއް ހަދާނެ ކަމަށެވެ. އެ އޮޑިޓަށްފަހު ކަރަންޓް ބިލް ބޮޑުވި ގެތަކަށް ސަބަބާއި އެކު އެކަށީގެންވާ ޖަވާބެއްް ދެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން