ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލަން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ގޮވާލައްވައިފިއެވެ.

ޑްރީމްސް އިއްބެ މިކަމަށް ގޮވާލެއްވީ، ފަހަކަށް އައިސް އެމްޑީޕީން ބާއްވަމުން ގެންދާ ޖަގަހަ ޖަލްސާތަކާއި ކުރީގެ ރައީސް ޔާމިންގެ ޕީއެންއެފުން ބާއްވާ ޖަލްސާތަކުގައި އެކި ތުހުމަތުތައް ކޮށް ސަރުކާރަށް ފާޑުކިޔަމުންދާތީ އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. ބައެއް ޖަލްސާތަކުގައި ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުންގެ އަބުރުފުޅަށް ހުތުރުވާގޮތަށް ބައެއް ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެެވެ.

އެކަމާ ގުޅިގެން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (ޑްރީމްސް އިއްބެ) ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ޖަލްސާތައް ބާއްވަނީ ރައީސް މުޢިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކަމަށެވެ. އެހެން ނަމަވެސް ޖަގަހަ ޖަލްސާތަކުން ފެނިގެންދަނީ ޒާތީ ގޮތެއްގައި ބޭއިންޞާފުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކަވައި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ މަންޒަރު ކަމަށް އިއްބެ ވިދާޅުވިއެވެ.



"ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި ޒާތީ ގޮތެއްގައި ބޭއިންޞާފުން އަދި ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކަވާތަން. ރައްޔިތުންނަށް އޮޅުވައިލައްވާތަން. އެގޮތަށް ޢަމަލު ކުރެއްވުން ހުއްޓަވައިލައްވައި، ސިޔާސީ މަސައްކަތް ބިނާ ކުރަނިވި އަދި އިންޞާފުވެރި ގޮތެއްގައި ކުރެއްވުމަށް ގޮވައިލަން." ޑްރީމްސް އިއްބެ "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އިއްބެ ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ބިނާ ކުރަނިވި ފާޑު ކިޔުންތައް ހެޔޮ ހިތުން ބަލައިގަތުމާއެކު، ރައްޔިތުން ޙަވާލު ކުރި ޒިންމާތައް އަދާ ކުރުމުގައި ފަސް ޖެހުމެއް ނެތި ކުރިޔަށް ދިޔުން ކަމަށެވެ.

ފަހަކަށް އައިސް، ޚާއްސަކޮށް ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕީއެންއެފްގެ އިސްބޭފުޅުން ބާއްވާ ޖަގަހަ ޖަލްސާތަކުގައި ކޮންމެ ރެއަކު ދައްކަވާ ވާހަކަތަކަށް ސަރުކާރުގެ އިސްބޭފުޅުން ގެންދަވަނީ ރައްދު ދެއްވަމުންނެެވެ.

އެގޮތުން، ޑރ. މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ ސަރުކާރުން ހައްދަވާ ބޮޑެތި ގޯސްތައް ހަޖަމްކުރައްވަން އުނދަގޫވެ އެކަންކަން ދިފާއު ކުރަށްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވެ ދާދިފަހުން ރައީސް ޔާމިން ދެއްކެވި ވާހަކަފުޅުތަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ރައްދު ދެއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވިދާޅުވެފައިވަނީ ޔާމިން މިސަރުކާރާ ދުރަށް ޖެހިވަޑައިގަތީ ވެރިކަމުގެ ޢިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން