ރާއްޖޭގެ މޫދު އަޑީގެ މަންޒަރެއް
ރާއްޖޭގެ މޫދު އަޑީގެ މަންޒަރެއް
ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ޙިމާޔަތް ކޮށްފައިވާ ދެ ސަރަޙައްދުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ކ. ބޮޑުހިތި ތިލަ ސަރަހައްދާއި ކ. އޮއްކޮބޭ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ދެސަރަޙައްދު ޙިމާޔަތް ކޮށްފައިވަނީ ގުޅިފަޅު ހިއްކުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ގެންދާ ބަޔޯޑައިވާސިޓީ އޮފްސެޓް ޕްލޭންގެ ދަށުން ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން އެ ސަރަޙައްދުތަކުގައި ތެޔޮ، ގޭސް ނުވަތަ އެއްވެސް ބާވަތެއްގެ މައުދަނެއް ހޯދުމަށް ދިރާސާކުރުމާއި މައިންކުރުމާއި ކުނި އެޅުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުމާއި ގަލާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުމާއި ނަގިލި ލުމާއި އުމްރާނީ ތަރައްގީގެ މަސައްކަތެއް ނުވަތަ އިންފްރާސްޓްރަކްޗާ ގާއިމްކުރުން ވަނީ މަނާކޮށްފައެވެ.

އޭގެ އިތުރުން އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތްކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ އެންވެރިކަން ފިޔަވައި އެއްވެސް އެއްޗެއް ނުވަތަ ދިރުމެއް ނެގުމާއި މެރުމާއި ގޯނާކުރުމާއި ހިފުމާއި މަސްމަހާމެއްސާއި ދޫނިސޫފާސޫފި ހިމެނޭ ގޮތަށް އެއްވެސް ދިރޭ އެއްޗަކަށް ކާން ދިނުން ނުވަތަ ކާން އެޅުމާއި އެ ސަރަހައްދު އަލިވާގޮތަށް ރޭގަނޑު ދިއްލުން މަނާކޮށްފައިވެއެވެ.

ހަމައެއާއެކު އެތަނުގައިވާ ދިރުންތަކުގެ އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަކުރުމާއި ރާއްޖޭގެ އެމުގެ ގޮތުގައި ބޭނުންކުރާ މަސް ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ކުދި މަސް ހިފުމާއި ދިއްލައިގެން ރޭގަނޑު މަސް ތިލަކުރުން ވަނީ މަނާކޮށްފައެވެ.

ބޮޑުހިތި ތިލަ އަކީ ދުނިޔޭން ނެތިގެން ދިއުމުގެ ބިރު ހީވެފައިވާ ދިރުންތައް ފެންނަ ތިލައެކެވެ. އަދި އޮއްކޮބޭ ތިލަ އަކީ ގިނަ އަދަދެއްގެ ކުދި ހޮހަޅަ އާއި އޯވާހޭންގްސް ހެދިފައިވާ ދިރޭ މުރަކައިގެ ޕަސެންޓު ބޮޑު ސަރަހައްދެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން