ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން އެ ގައުމުގައި ކާފިއު އިއުލާންކޮށްފައިވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހީން ބޭރަށް ނުކުމެ ނޫޅުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު މެންދުރު ނެރުނު ބަޔާނުގައި ބުނީ ބަންގުލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި ދަރިވަރަށް، ހައިކޮމިޝަނުން ގަވާއިދުން ގުޅައި ހާލު ބަލަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަނގުލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވަނީ 119 ދިވެހީން ކަމަށެވެ. އަދި އެ ހުރިހާ އެންމެންގެ ވެސް ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ފޮރިން މިނިސްްޓްރީން ބުނެއެވެ.

މިވަގުތު ބަންގްލަދޭޝްގައި ބައެއް ސަރަހައްދު ތަކުގައި ކާފިއު އިޢުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވެސް ޚާރިޖިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބަންގުލަދޭޝްގައި މުޒާހަރާތައް ފެށުނީ އެ ގައުމުގެ މިނިވަންކަމަށް މަސައްކަތް ކުރި މީހުންގެ ދަރިންނަށް ސިވިސް ސާވިސްގެ ވަޒީފާތަކެއް ހާއްސަ ކުރުމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން