މާލީ އަދި އެކައުންޓީންގ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ފައިނޭންސް އާއި އެކައުންޓިންގ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަރުވައި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ އެއް ދާއިރާ ކަމަށާއި އަދި މިހާރު މި ދަނީ އައު މާރކެޓްތައް ހޯދުމުގައި ބޮޑެތި ވިސްނުންތަކަށް މަގުކޮށައި ޖާގަދެމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ޚާއްޞަކޮށް ފައިނޭންސް އާއި އެކައުންޓެންސީ ދާއިރާއިން ދުނިޔޭގެ ބޮޑު ބާޒާރަށް ވަނުމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން މި އަހަރުގެ ކުރިޔަށް އޮތް ދެމަހެއްހާދުވަސް ތެރޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބާޒާރާއެކު ރާއްޖޭގައި މިނިވަން ވިޔަފާރި ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، މިހާރު އޮތް ހާލަތު ބަދަލުކުރުމަށް އުންމީދާއެކު ދެމެހެއްޓެނިވި ގޮތަކަށް ކަންކަން އެނގިގެން ވިސްނުންތެރިކަމާއެކު އަމާޒެއް އޮވެގެން އަމާޒު ޔަޤީންވާ ގޮތަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

އަދި މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މާލީ ވުޒާރާގެ ވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ވިސްނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

"ލީޑިން އިން ދަ އޭޖް އޮފް އޭ.އައި: އިނޮވޭޓިވް، އިންޓަގްރޭޓް، އިންސްޕަޔަރ" ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިއަހަރުގެ އެކައުންޓެންޓްސް ފޯރަމްގެ މަގްސަދަކީ އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އާޓިފިޝަލް އިންޓެލިޖެންސް އަދި އީ.އެސް.ޖީގެ މުހިންމުކަމާއި، ތަޖުރިބާއާއި ބޭނުންތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދިވެހިރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ މި ފޯރަމް ހޮނިހިރު ދުވަހު ފަށާފައިވަނީ 300 އަށްވުރެ ގިނަ ބައިވެރިންނާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން