ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލެއް ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ، މި އުސޫލުގެ ބޭނުމަކީ ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

މިއަދުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާއިރު، މި އުސޫލުގެ ތެރޭގައި ވަނީ މުވައްޒަފެއް މަޔަކަށްވުމުން ލިބޭ ޗުއްޓީއަށް ދިއުމުން، އެމީހެއްގެ ބަދަލުގައި އެހެން މީހަކު ނެގުމުގެ އުސޫލުވެސް ހިމަނާފައެވެ. އެހެންކަމުން "ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އުޞޫލު (20 މޭ 2019)" އުވާލެވިފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލުގައި، ދެ ދާއިރާއަކުން ވަޒީފާ ހަމަ ނުޖެއްސޭނެކަމަށް ބުނެފައިވެއެވެ. އެއީ ސީދާ ކައުންޓަރުން ހިދުމަތް ދޭން ޖެހޭ ވަޒީފާ ތަކާއި ހިންގުމުގެ އިސް ފަންނީ ވަޒީފާތަކެވެ.

މި އުސޫލުގެ ދަށުން، ވަޒީފާ ހަމަޖެއްސޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ:-

* ސިވިލް ސަރވިސް މުވައްޒަފަކު މަޔަކަށް ވުމުން ލިބޭ ޗުއްޓީއަށް ދިއުމުން ބަދަލު އިންތިޒާމު ހަމަޖެއްސުން

* ސިިވިލް ސަރވިސް މުވައްޒަފަކު ދިގު މުއްދަތަކަށް ޗުއްޓީއަށް ދިއުމުން ބަދަލު އިންތިޒާމު ހަމަޖެއްސުން

* ސިވިލް ސަރވިސް ވަޒީފާއަކަށް ދެ ފަހަރު އިއުލާނު ކޮށްގެންވެސް ޝަރުތު ހަމަވާ މީހަކު ކުރިމަތި ނުލައިފިނަމަ ބަދަލު އިންތިޒާމު ހަމަޖެއްސުން

* ސިވިލް ސަރވިސް އިދާރާއަކަށް އިތުރުވާ ސީޒަނަލް މަސައްކަތް ކުރުމަށް މުވައްޒަފުން ހަމަޖެއްސުމެވެ.

މި އުސޫލުގެ ދަށުން ވަޒީފާ ދިނުމަށް ހަމަޖެހިފައި ވަނީ ދަފްތަރެއް އެކުލަވާލުމަށްފަހު، އެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން