އިރާނާ އިސްރާއިލާ ދެމެދު ދެންމެ ދެންމެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް ރަޝިއާގެ އެންމެ މަތީ ސެކިއުރިޓީ އޮފިޝަލު ސާޖޭ ޝޮއިގޫ އިރާނަށް ވަޑައިގެންފި އެވެ.

އިރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާޖޭގެ އެ ދަތުރުފުޅަކީ އިސްރާއިލުން އިރާނުގައި ދިން ހަމަލާއާ ގުޅިގެން އިރާނުން އިސްރާއިލަށް ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާތީ އެކަމާ ގުޅޭ ގޮތުން ވާހަކަތައް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ސާޖޭ ވަނީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި އިރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ބަގޭރީއާވެސް ބައްދަލު ކުރައްވައިފައެވެ.

ސާޖޭ އިރާނަށް ރަސްމީ ދަތުރުުފުޅެއް ކުރައްވާއިރު ރަޝިއާއިން އިރާނަށް ވަރުގަދަ ހަތިޔާރުތަކެއް ފޯރޮކޮށްދެމުންދާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި ވަރުގަދަ ޖޭމަރު ސިސްޓަމްތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިރާނުން މިދިޔަ އޭޕްރީލް މަހުވެސް އިސްރާއިލަށް ހަމަލާތަކެއް ދިނެވެ. އެއީ ސީރިއާގައި ހުންނަ އިރާނުގެ އެމްބަސީ އިސްރާއިލުން ގޮއްވާލުމާ ގުޅިގެން ނެވެ.

ނަމަވެސް އޭޕްރީލްގައި އިރާނުން މާ ވަރުގަދަ ރައްދެއް ނުދެއެވެ. އެކަމަކު މި ފަހަރު ހިތުން ނުފިލާނެ ރައްދެއް ދޭނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން