މާލޭގައި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން 25 ބުރީގެ އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތެއް ހޯދަން ހުޅުވާލައިފިއެވެ.

މިއަދު އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ 25 ބުރީގެ އިމާރާތް އަޅާނީ މާލޭގައި ހުންނަ އެސްޓީއޯ ހެޑް އޮފީހާ އިންވެގެން އޮންނަ ބިމުގައި ކަމަށެވެ. އެ ބިމަކީ 15،000 އަކަފޫޓުގެ ބިމެކެވެ. އެސްޓީއޯ އިން ކުރި އިއުލާނުގައި ބުނީ އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޓީއޯގެ 15 އިންސައްތަ އިކުއިޓީ ހިމެނޭ ގޮތަށް ކަމަށެވެ.

އިއުލާނުގައި އެ ކުންފުނިން ބުނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އިންޖިނިއަރިން، ޕްރޮކިއުމެންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) ހިމެނޭ ގޮތަށް ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓުލިސްޓު ކުރެވޭނީ 18 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ އަގުހުރި، މަދުވެގެން މިފަދަ އެއް ޕްރޮޖެކްޓް ނިންމާފައިވާ ކުންފުނިތަކަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ ޝޯޓްލިސްޓު ކުރާ ފަރާތަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށާއި އަދި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކުންފުނީގެ އިއުލާންގައި ބުނެފައި ވެއެވެ.

އެސްޓީއޯގެ އިއުލާންގައި ވަނީ 25 ބުރީގެ މަލްޓި ޕާޕަސް އިމާރާތެއް އަޅަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މުއައްޒަފުން މަސައްކަތް ކުރާނެ ޖާގަ އާއި މުއައްޒަފުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށް ދިނުމަށް ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން