ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ކުރީގެ މެނޭޖުމަންޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީވެ ހަގީގަތް ހާމަކޮށްދޭން ބޭނުންވާކަމަށް ވިދާޅުވެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކާއި ކުރީގެ ސީއެފްއޯ ޔާސިރު ޙަސަން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއަށް އެޑްރެސްކޮށް ދެ ބޭފުޅުން ސޮއިކޮށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ، މިމަހުގެ 5 ވަނަ ދުވަހުގެ އެސްއޯއީ ކޮމެޓީގައި ކުންފުނީގެ މިހާރުގެ ވެރިން ކުރީގެ މެނޭޖުމަންޓާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ.

އަދި އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ކުންފުނީގެ މާލީ ހާލަތާއި ގުޅޭގޮތުން އެއްވެސް އޮޑިޓެއް ވެސް ނުހަދާ ކަމަށާއި އަދި ކުންފުނީގެ ކުރީގެ ބައެއް ލިޔުންތައް ފެންނަން ނެތްކަމަށް ބުނެފައިވާ ބުނުމަކީ ވެސް ހާލަތު ރަނގަޅަށް ދެނެނުގަނެ ނުވަތަ ކަންކަން ރަނގަޅަށް ނުބަލާ ބުނި ބުނުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.



އެހެންކަމުން، އެ ބޭފުޅުންގެ ތުހުމަތު ތަކަށް ޖަވާބު ދިނުމަށް ބޭނުންވާ ކަމަށާއި އަދި ކޮމެޓީގެ މެންބަރުން ކުރާ ކޮންމެ ސުވާލަކަށް ވީ އެންމެ ރަނގަޅަކަށް ޖަވާބު ދޭނެކަމުގެ ޔަގީންކަން ދެމުން މޫކޭ އާއި ޔާސިރު ޙަސަން ވަނީ، އެސްއޯއީ ކޮމެޓީއަށް ހާޒިރުވެ ޖަވާބުދާރީ ވެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައެވެ.

އަދި އެކަން ހަމަޖެހޭނަމަ އެ ބައްދަލުވުމެއް ޓީވީން ވަގުތުން ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެ ދެ ބޭފުޅުން ވަނީ އެދިފައެވެ.

ކޮމެޓީގައި ވާހަކަ ދައްކަމުން މިހާރުގެ މެނޭޖުމަންޓުން ވަނީ ލިޔެކިޔުން ނެތި އެތައް މިލިއަން ރުފިޔާއެއް އާރްޑީސީން ހަރަދު ކޮށްފައިވާކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން