މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިހަ ބިލިއަން ރުފިޔާ ނުދައްކާ ހުރިކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓު ހާމަކުރަމުން މީރާއިން ބުނީ އެ އޮތޯރިޓީއަށް ނުލިބި ހުރި 10 ބިލިއަން ރުފިޔާގެ ތެރެއިން 5.5 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީގެ ފައިސާ ކަމަށެވެ.

މީރާއިން ބުނީ އެ އޮތޯރިޓީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 2.4 ބިލިއަން ރުފިޔާއަކީ ޖެނެރަލް ޖީއެސްޓީ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު އިންކަމް ޓެކްސްގެ ގޮތުގައި 868 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކްސްގެ ގޮތުގައި 918 މިލިއަން ރުފިޔާ ނުލިބޭ ކަމަށް މީރާއިން ހާމަކުރެ އެވެ.

ޖޫންގެ ނިޔަލަށް ނުލިބިހުރި ދިހަ ބިލިއަން ރުފިޔާގެ ތެރެއިން 4.4 ބިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ޓެކްސް- ނޫން އާމްދަނީ ކަމަށް މީރާއިން ވަނީ ބުނެފަ އެވެ. މީގެ ތެރެއިން 4.2 ބިލިއަން ރުފިޔާއަކީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ އެވެ.

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން އިގްތިސާދު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަންނަނީ ޚަރަދުކުޑަކޮށް، އާމްދަނީ އިތުރުކުރާނެ ސިޔާސަތުތަކެއް ތަންފީޒުކުރަމުންކަން ފާހަގަ ކުރެވެއެވެ. އަދި ދައުލަތަށް ނުލިބި ހުރި މިފަދަ ފައިސާތައް ހޯއްދަވާނެ ކަމަށް ރައީސް ޑރ މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން