މިއަދާއި މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ރާއްްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މެޓް އޮފީހުން ހުދު ސަަމާލު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ސަމާލު ނެރެފައިވާ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް އެ އޮފީހުން ބުނީ، މެދު ރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ބައެއް ރަށްތަަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އޮފީހުން ލަފާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން