ސިޔާސީ އޮއިވަރުގައި ޖެހި އަނެކާގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯތައް އުފެއްދުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމްގެ ދިފާޢުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ތެދުވެވަޑައިގެންފިއެވެ.

ޝާހިދު މިހެން ވިދާޅުވީ "އެކްސް" ގައި ރޭ ދައުރު ކުރަމުން ދިޔަ ބަދު އަހުލާގީ އަމަލު ދައްކުވައިދޭ ވީޑިއޯ އަކާއި ގުޅިގެންނެެވެ. އެވީޑިއޯ އިން ފެންނަނީ އިސްލާމިކް މިނިސްޓަރު ޝަހީމް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ މީހަކީ ވެސް އާއިލާއެއް، އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށެވެ. ސިޔާސީ ބޭނުމަށް އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާ ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޝަހީމްގެ އަބުރު ކަތިލުމަށް ފޭކު ވީޑިއޯތައް ހަދައިގެން ދައުރުކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަން އެބަޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާ ހިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަން ކަމެއް ނޫން." ޝާހިދު ވިދާޅުވިއެވެ

މީގެ އިތުރުން އަމިއްލަ މަންފާއަށް ވަކި ބަޔަކު މުޅި މުޖުތަމައުގެ ފޭރާން ވީދާ ހަރާބު ކުރާއިރު އެކަމާދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން