އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން އަހަންވީ ނިމިދިޔަ އެމްޑީޕީ ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ވިއްކާލި ރާއްޖޭގެ ކަނޑުގެ ވާހަކަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. މިއީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންފަހުން އިންޑިޔާގެ ސަރުކާރުގެ އިސްބޭފުޅަކު ރާއްޖެ ވަޑަައިގަންނަވާ ފުރަތަމަ ފަހަރެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވިދާޅުވީ، މި ސަރުކާރުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭ އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކީ އެމްޑީޕީން އިންޑިއާ ސަރުކާރާ ގުޅިގެން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ވާހަކަ ކަމަށެވެ.

"ޚާރިޖީ ވަޒީރު އެ ވަޑައިގަންނަވަނީ ހުކުރު ދުވަހު. ޚާރިޖީ ވަޒީރު އަރިހުގައި އިތުރު ލާރިއަށް އެދޭއިރު، އަދި އައްސަވާލައްވަން ވާނެ (އެމްޑީޕީ ސަރުކާރާ) ބައިވެރިވެގެން ވިއްކާލި ކަނޑު ކޮބައިހެއްޔޭ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ, ޖައިޝަންކަރުގެ ދަތުރުފުޅުގައި އިންޑިޔާގެ އިތުރު އެހީތައް ރާއްޖެއަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިޔާއިން ރާއްޖޭގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތުތައް ބޭއްވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރާއްޖެއަށް މިވަގުތަށް ބޭނުންވާ އިތުރު އެހީތަށް އިންޑިޔާއިން ދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން، މިކަންތައްތައް މިމަގަށްދާއިރު ހަނދުމަފުޅު ކުރައްވާތި ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުގެ ގޮތެެއް ނެތްކަމުން ލިބެމުންދާ ގެއްލުންތައް، އިންޑިޔާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސެންޓް ދަށައް ގޮސްފައިމިވަނީ، އޭގެ ސަބަބުން ރިސޯޓްތައް ފަޅުވެ ރިސޯޓްތަކުގެ އޮކިއުޕަންސީ މިވަނީ އިންތިހާއަށް ދަށައް ގޮސްފައި،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ކުރިއެކޭ އެއްގޮތައް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް އެމްޑީޕީ ސަރުކާރުގައި އޭރުގެ އިދިކޮޅު ޕީއެންސީން ދެއްކި ވާހަކަތަކަށް އިޝާރަތް ކުރައްވައި ޝާހިދު ވިދާޅުވީ، އެއީ ޓެކްނިކަލް މީހުންކަމަށް އޭރު ވެސް ސަރުކާރުން ބުނަމުން ދިޔަ ކަމަށެވެ.

އިންޑިއާ ސިފައިން ގައުމުން ބޭލީކަމަށް ބުނެ މީހާރުވެސް ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ގެންގުޅެނީ އޭރު ވެސް ގެންގުޅުނު ޓެކްނިކަލް ސްޓާފުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އިންޑިއާގެ ވިއޮން ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ. އެމަނިކުފާނު ދެތިން ދުވަހު ރާއްޖޭގައި ހޭދަކުރައްވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ޖައިޝަންކަރާ ބައްދަލުކުރައްވާފައެވެ. މިނިސްޓަރު ޒަމީރު ވެސް ވަނީ މީގެ ކުރިން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބިއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވަނީ ނުތަނަވަސްކަން އުފެދިފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން