މޫނުގައި ހުންނަ ކަޅުބިހި ރަނގަޅު ކުރަން ކުރެވޭނެ ކަންތައް- ގޫގުލް ފޮޓޯސް
މޫނުގައި ހުންނަ ކަޅުބިހި ރަނގަޅު ކުރަން ކުރެވޭނެ ކަންތައް- ގޫގުލް ފޮޓޯސް
މޫނުގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. މޫނުގެ ހަންގަނޑަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލު ކުރުމަށް އެކިކަހަލަ އުކުޅުތައް ބޭނުން ކުރަނީވެސް މިސަބަބަބާ ހުރެއެވެ. މޫނުގައި ބްލެކްހެޑްސް ނުވަތަ ކަޅުބިހި ނެގުމަކީވެސް ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. މޫނުގައި ކަޅުބިހި ނެގުމަށް މެދުވެރިވަނީ މޫނުގައި ހުންނަ އިސްތަށީގެ ފޮލިކަލްތަކުގައި ޕްލަގެއް އުފެދުމުން ނުވަތަ އެ ފޮލިކަލްތައް ބެދުމުންނެވެ.

މޫނުގައި ހުންނަ ކަޅުބިހި ތަކުގެ ސަބަބަބުން އަމިއްލަ ނަފްސުދެކެ ފޫހިވެ އަމިއްލަ ނަފްސަށް އުނދަގޫތަކެއް ވާނަމަ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. މިފަހަރު މި ހިމަނާލަނީ މޫނުގައި ހުންނަ ކަޅުބިހިތައް ނައްތާލުމަށް ބޭނުން ކުރަންވީ ބައެއް އެއްޗިއްސެވެ.

ސެލިސިލިކް އެސިޑު:

މޫނުގައި ހުންނަ ކަޅުބިހި ނައްތާލަން ބޭނުން ނަމަ ކޮންމެ ދުވަހަކު ސެލިސިލިކް އެސިޑު ހިމެނޭ މޫނު ދޮންނަ ފުޅިއަކުން މޫނު ދޮވުމަކީ ވަރަށް ގިނަ ޑޮކްޓަރުން އިރުޝާދުދޭ ކަމެކެވެ. ނުވަތަ ސެލިސިލިކް އެސިޑު ހިމެނޭ އެހެނިހެން ސްކިން ކެއާ ބޭނުން ކުރުމަކީވެސް މިކަމަށް އޮތް ހައްލެކެވެ. ސެލިސިލިކް އެސިޑު ބޭނުން ކުރުމުން މޫނުގައި ހުންނަ އޮށްވަޅުތައް ބެދިފައިވާނަމަ އެ ސާފު ކޮށްދެއެވެ. އަދި އޭގެ ސަބަބަބުން ކަޅު ބިހިތައް ނައްތާލުމަށް އެހީވެއެވެ. ސެލިސިލިކް އެސިޑު ފުރަތަމަ ބޭނުން ކުރަން ފަށާއިރު 2 އިންސައްތަ އާއި 4 އިންސައްތަ އާއި ދޭތެރޭގެ އަދަދަކަށް އެ މާއްދާ ހުންނަ އެއްޗެހި ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި މި ބޭނުން ކުރުމުން މޫނު މާ ބޮޑަށް ހިކޭނަމަ އެއަށްވުރެ މަދުން ސެލިސިލިކު އެސިޑު ހުންނަ އެއްޗެއް ބޭނުން ކުރުމަށްވެސް އިރުޝާދު ދެއެވެ.

އަލްފާ ނުވަތަ ބީޓާ ހައިޑްރޮކްސި އެސިޑު ހުންނަ ކްލެންޒަރު:

މޫނުގައި ހުންނަ ކަޅުބިހިތައް ނައްތާލަން ބޭނުންވާނަމަ އަލްފާ ނުވަތަ ބީޓާ ހައިޑްރޮކްސި އެސިޑު ހުންނަ އެއްޗެހި ބޭނުން ކުރުމަށްވެސް ހަމުގެ ހާއްސަ ޑޮކްޓަރުން ލަފާ ދެއެވެ. އަލްފާ ނުވަތަ ބީޓާ ހައިޑްރޮކްސިއެސިޑު (އޭއެޗްއޭ އާއި ބީއެޗްއޭ) އަކީ ހަންގަނޑަށް ދިމާވާ ވަރަށް ގިނަ މައްސަލަތައް ހައްލު ކުރުމަށް އެހީވެދޭ މާއްދާތަކެވެ. އެގޮތުން އޭއެޗްއޭ އާއިލާގައި ހިމެނޭ ގްލައިކޮލިކް އެސިޑު ހިމެނޭ ކްލެންޒަރުތައް ބޭނުން ކުރުމުން މޫނުގައި ހުންނަ ކަޅުބިހިތައް ނައްތާލުމަށް އެހީވެއެވެ. މިއީ އެކްސްފޮލިއޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗަކަށް ވުމުން މި ބޭނުން ކުރުމުން މޫނުގައި މަރުވެފައި ހުންނަ ހަންތަކާއި ކަޅުބިހިތައް ނައްތާލައެވެ. މި ބާވަތް ބޭނުން ކުރަން ފަށާއިރު 10 އިންސައްތަ އެކުލެވޭ އެއްޗެހި ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއެވެ.

ރެޓިނޮއިޑު:

ރެޓިނޮއިޑަކީ ހަންގަނޑުގެ އެކި މައްސަލަތައް ހައްލު ކޮށްދިނުމަށް އެހީވެދޭ މާއްދާއަކަށް ވީއިރު މިއީ މޫނުގައި ހުންނަ ކަޅުބިހި ނައްތާލަން އެހީވެދޭ މާއްދާއެއްވެސް މެއެވެ. މި މާއްދާ އެކުލެވޭ މޫނު ދޮންނަ އެއްޗެހި ބޭނުން ކުރުމުން މޫނުގައި ހުންނަ އޮށްވަޅުތައް ސާފުކޮށްދިނުމަށް އެހީވެދެއެވެ. އަދި މޫނުގައި ހުންނަ މަރުވެފައިވާ ސްކިން ސެލްތައް ނައްތާލަ ދިނުމަށްވެސް އެހީވެއެވެ. ނަތީޖާއެއްގެ ގޮތުން މޫނުގައި ކަޅުބިހި ނެގުން މަދުކޮށްދީ، މޫނުގައި ހުންނަ ކަޅުބިހިތައް ނައްތާލުމަށް އެހީވެއެވެ. ރެޓިނޮއިޑު ބޭނުން ކުރާއިރު އަލްފާ ނުވަތަ ބީޓާ ހައިޑްރޮކްސި އެސިޑު ހިމެނޭ މާއްދާ އެއްވެސް ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. މިސާލަކަށް ހެނދުނު ސެލިސިލިކް އެސިޑު ހިމެނޭ ކްލެންޒަރެއް ބޭނުން ކުރާނަމަ ރޭގަނޑު ރެޓިނޮއިޑު ބޭނުން ކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން