ޒާތީ ދިރިއުޅުން މީސް މީޑިއާގައި ހިއްސާކުރުން އެހާ ރަނގަޅެއް ނޫން- ގޫގުލް ފޮޓޯސް
ޒާތީ ދިރިއުޅުން މީސް މީޑިއާގައި ހިއްސާކުރުން އެހާ ރަނގަޅެއް ނޫން- ގޫގުލް ފޮޓޯސް
ޒާތީ ދިރިއުޅުމުގައި ދިމާވާ ކަންތައްތައް މީސް މީޑިއާގައި ހިއްސާކުރުމަކީ ވަރަށް ގިނަ ދިވެހިން ކުރާހިއްވާ ކަމެކެވެ. އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް މީސް މީޑިއާގައި ވަރަށް ފަހުރުވެރިކަމާއެކު ހިއްސާ ކުރަމުންދާ ދިވެހިން މަދެއް ނޫނެވެ. ދެމެފިރިންގެ ޒުވާބުތަކާއި، ދެމެފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި، އާއިލީ ކޯޅުންތަކުގެ ވާހަކަތައްވެސް ގިނަ ފަހަރަށް މި ހިއްސާ ކުރަނީ އެތައް ބައެއްގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތަކަށް މީސް މީޑިއާގައެވެ. މިއީ ދިވެހިން މާ ޖޯޝުގައި ކުރާކަމަކަށް ވީނަމަވެސް، ކުރުން އެހާ ރަނގަޅު ކަމެއް ނޫނެވެ.

ތިމާގެ ޒާތީ ދިރިއުޅުމުގެ ކަންތައްތައް މީސް މީޑިއާގައި ހިއްސާ ނުކުރަންޖެހޭ ވަރަށް ގިނަ ސަބަބަބުތަކެއް ވެއެވެ. މިގޮތަށް މީސް މީޑިއާގައި ޒާތީ މައްސަލަތައް ހިއްސާ ކުރާނަމަ އެތައް ބައެއްގެ ލޮލުގައި ތިބާ އަޅައިގަނެ، އެތައް ބައެއްގެ މުނިފޫހިފިލުވުމުގެ އުކުޅަކަށް ތިބާ ވެގެން ދެއެވެ. ފަގަރެއްގައި ކޮންމެ މީހަކުވެސް މީސް މީޑިއާގައި ޒާތީ ވާހަަކަތައް ހިއްސާ ކުރަނީ އެމީހެއްގެ އެކުވެރިން ނުވަތަ ރަހުމަތްތެރިންނާ އެވާހަަކަތައް ހިއްސާ ކުރަން ބޭނުން ވާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މީސް މީޑިއާގައި ހިމެނޭ އެންމެނަކީ ތިބާގެ ރައްޓެހިންނަށް ނުވެދާނެއެވެ. އަދި އޭގެ ސަބަބުން ތިބާއަށް އެއްވެސް ގޮތަކަށް ނޭނގޭ ނުވެސް ދަންނަ މީހުންނަށްވެސް އެކަންތައް އެނގިގެން ދެއެވެ. އަދި ތިބާގެ ހަޔާތުގައި ކުރިމަތިވާ ކަންތައްތައް އެތައް ބައެއްގެ ލޮލުގައި އަޅައިގަނެއެވެ.

މީގެ އިތުރުން މިގޮތަށް ޒާތީ މައްސަލަަތައް ހިއްސާކުރާނަމަ އެހެންމީހުންގެ ސުވާލުތަކާ ކުރިމަތިލާން ތިބާއަށް މަޖުބޫރު ވެއެވެ. ޒާތީ ދިރިއުޅުމުގައި ދިމާވާ ކަަމެއް ހިއްސާ ކޮށްފިނަމަ އެތައް ބައެއްގެ ސުވާލުތަކާ ކުރިމަތިލާން ޖެހެއެވެ. އަދި އެއާއި ވިދިގެން ޒާތީ ދިރިއުޅުމުގެ އެހެނިހެން ކަންތައްތައްވެސް ހިއްސާ ކުރުމަށް މަޖުބޫރުވެއެވެ. މިސާލަކަށް ދެމަފިރިއަކު ވަރިވެގެން އެވާހަކަ މީސްމީޑިއާގައި ހިއްސާކޮށްފިނަމަ، ވަރިވި ސަބަބު އެނގެން ވަރަށް ގިނަ މީހުން ބޭނުންވެއެވެ. އަދި އެ ސަބަބު ކިޔައި ދިނުމަށް އިންކާރު ކޮށްފިނަމަ، އެމީހެކޭ ކިޔައިގެން އެކިކަހަލަ ދޮގުވާހަކަތައް ފަތުރަން ފަށައެވެ. އަދި އެތައް ބައެއްގެ ދުލުން އެތައް ގޮތަކަށް އެމީހެކޭ ކިޔައިގެން ވާހަކަ ދެކެވޭތީ އެއަށް ރައްދު ދީ، ވަރިވީ ސަބަބު ހާމަކުރަން މަޖުބޫރުވެއެވެ. ނަމަވެސް މީހާގެ ޒާތީ މައްސަލަތައް މީސް މީޑިއާގައި ހިއްސާ ނުކުރާނަމަ ތިބާ އެއްވެސް މީހާކަށް ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ.

އަދި ހަމަ އެހެންމެ ތިބާގެ ޒާތީ ހަޔާތް މީސް މީޑިއާގައި ހިއްސާ ކުރާނަމަ ހަސަދަވެރި ލޯތަކަށް ތިބާގެ ދިރިއުޅުން އެނގި، އޭގެ ސަބަބުން ތިބާއަށް އެކިއެކި ގެއްލުންތައް ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ތިބާ ވަރަށް އުފަލުގައި އުޅޭކަން މީސް މީޑިއާގައި ހާމަކޮށް، ތިބާގެ ފިރިމީހާ އަކީ ރަނގަޅު ފިރިއެއްކަން ހާމަކުރާނަމަ އެ ނަސީބު ލިބުފައި ނުވާ ފަރާތްތަކުގެ ހިތަށް އަސަރުތަކެއް ކުރާނެއެވެ. އަދި އެމީހުން އެކަމުގެ ސަބަބުން ތިބާއަށް ހަސަދަވެރިވާނެއެވެ. އަދި އޭގެ ސަބަބުން އެސްފީނާ ފަދަ ކަންތައްތައް ކުރިމަތިވެ، ތިބާގެ ޒަވާޖީ ހަޔާތުގައި މައްސަލަތައް ދިމާވެ، ތިބާއަށް ލިބިފައިވާ އުފާތަށް ތިބާގެ އަތުން ބީވެ ދިއުމަކީވެސް ވެދާނެ ކަމެކެވެ.

އުފާވެރި، ހިތްހަމަ ޖެހޭ ދިރިއުޅުމެއް ބޭނުންވާނަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީސް މީޑިއާގައި ހިއްސާ ކުރުމުން ދުރުހެލިވާން ޖެހެއެވެ. އަދި އެމީހަކަށް ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާން ޖެހެއެވެ. އަދި ޒާތީ ދިރިއުޅުމުގައި ދިމާވާ ހިތާމަތައް މީސް މީޑިއާގައި ހިއްސާ ނުކޮށް އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން