އިނގިރޭސިވިލާތުގައި މިހާރު ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ’ނަސްލީ ނަފްރަތު‘ އުފައްދާ މީހުން ޖަލަށް ލާން ފަށައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ދީންތަކުގެ މީހުން އިނގިރޭސިވިލާތުގައި ދިރިއުޅޭއިރު ’ނަސްލީ ނަފްރަތު‘ އުފެއްދުމުގެ ކުށުގައި އިނގިރޭސިވިލާތުގެ ކޯޓުން މިވަނީ މީހަކު ޖަލަށްލައިފަ އެވެ.

ފާއިތުވި ހަފްތާގައި އިނގިރޭސިވިލާތުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި "ނަސްލީ ނަފްރަތު އުފެއްދުމަށް ގަސްތުކޮށްގެން" މީސްމީޑިޔާގައި ޕޯސްޓުތައް ޝާއިއުކުރީ އުމުރުން 28 އަހަރުގެ ޖޯޑަން ޕާލަރ ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލައިގައި އޭނާ ދައުވާއަށް އެއްބަސްވުމުން މައްސަލަ ބެއްލެވި ލީޑްސްގެ ގާޒީ ވަނީ އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.

ޖޯޑަން ޕާލަރ މީސް މީޑިޔާގައި ވަނީ އިނގިރޭސިވިލާތުގައި ކުރަމުންދާ މުޒާހަރާތަކުގައި ހިމާޔަތް ހޯދާ މީހުންނާއި ރެފިއުޖީން ދިރިއުޅޭ ހޮޓަލަކަށް ހަމަލާދިނުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތަކެއް ކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ މިއަދުގައެވެ.

ޕާލަރ ގެ މައްޗަށް ކޯޓުން ހުކުމް އިއްވުމުގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ ވިދާޅުވީ މިއީ އެންމެންނަށް ހަނދާންކޮށްދިނުކަށް ދޭ މެސެޖެއް ކަމަށާއި މިފަދަ ކަމެއްގައި ސީދާ ގޮތުން ޝާމިލުވިޔަސް ނުސީދާގޮތުން ޝާމިލުވިޔަސް ކުށްވެރިވާކަން އެންމެންނަށް ހަނދާންކޮށްދޭ ކަމަށެވެ.

ބޮޑުވަޒީރު ކޭއާ ސްޓާމަރ ވިދާޅުވީ ވާހަކައެއް ދެއްކުމުގެ ކުރިން ވަރަށް ވިސްނާފައި އެ ވާހަކައެއް ދެއްކުން ބުއްދިވެރިވާނެ ކަމަށެވެ. އަދި މިކަންކަން މިގޮތަށް ކުރަން ޖެހެނީ އެންމެންގެ ރައްކާތެރިކަން ޔަގީންކުރުމަށް ކަމަށާއި އެންމެންވެސް ތިބީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކުތޯ ޔަގީން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ކަނާތު ފިޔައިގެ އެކްޓިވިސްޓުން ވަނީ މުޅި ގައުމުގައި ހިމާޔަތް ހޯދާ ބޭރު ގައުމުތަކުގެ މީހުން ދިރިއުޅޭ ތަންތަނަށް ހަމަލާ ގައުމު ހަލަބޮލި ކުރުވާފަ އެވެ. އެއާއެކު ސަރުކާރުން ދަނީ އެކަން ހުއްޓުވައި ހަރުކަށި ފިޔަވަޅުތައް އަޅަމުންކަން ފާހަގަ ކުރެވެއެވެ.

އިނގިރޭސިވިލާތުގެ ފުލުހުން މިއަދު ބުނީ ޖުލައި 30 ވަނަ ދުވަހު ފެށި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ ގާތްގަނޑަކަށް 600 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެފަރާރްތަކަށް ގާތްގަނޑަކަށް 150 ދައުވާއެއް އުފުލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިނގިރޭސިވިލާތުގެ ކޯޓުތަކުން މި މައްސަލައިގައި ކުށް ކުރިކަން ސާބިތުވެފައިވާ އެންމެންނަށް ހުކުމް އިއްވަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އެކަނިވެސް ގާތްގަނޑަކަށް ދިހަވަރަކަށް މީހުން ޖަލަށް ލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން